މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ސާފު ފައިދާގެ ގޮތުގައި 178,389 ޑޮލަރު ލިބިފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ދަށް އަދަދެކެވެ.
އެމްޓީޑީސީން އާންމުކޮށްފައިވާ މާލީ ރިޕޯޓުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.25 މިލިޔަން ޑޮލަރެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 0.8 އިންސައްތައިގެ ދަށްވުމެކެވެ. އަދި ކުންފުނީގެ ސާފު ފައިދާއަށް ބަލާއިރު، ކުރީ ކުއާޓަރާ އަޅާބަލާއިރު 31 އިންސައްތައިގެ ދަށްވުމެއް ވަނީ އައިސްފައެވެ.
މީގެ އިތުރުން، ކުންފުނީގެ ހިންގުމުގެ ފައިދާވެސް ވަނީ ކުރީ ކުއާޓަރާ އަޅާބަލާއިރު 44.5 އިންސައްތަ ދަށްވެފައެވެ.
އެމްޓީޑީސީއަށް މިހާރު މައިގަނޑު ގޮތެއްގައި އާމްދަނީ ލިބެމުންދަނީ އެ ކުންފުނިން ކުއްޔަށް ދީފައިވާ ދެ ރިސޯޓު ކަމަށްވާ އަނަންތަރާ ކިހަވަކާއި އަޔާޑާ މަގުއްދޫ އިންނެވެ.
ކުންފުނީގެ މާލީ ހާލަތު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ހދ. ނާގޯށީގައި ތަރައްޤީކުރާ ރިސޯޓު 2027 ވަނަ އަހަރު ހުޅުވުމުން ކުންފުނީގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އެމްޓީޑީސީން ލަފާކުރެއެވެ.
މީގެ އިތުރުން، ކުންފުނީގެ އައު އޮފީސް އިމާރާތުގެ މަސައްކަތް އަންނަ ޖޫން މަހު ނިމުމުން، އެ އިމާރާތުންވެސް އިތުރު އާމްދަނީ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!