ށ. މިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ނިންމާލައިފިއެވެ.
މިލަންދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު މެންދުރުފަހު އެވެ. މި މަސައްކަތް އިއްޔެ ވަނީ އެއްކޮށް ނިންމާލާފައެވެ.
މިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރަނީ އެރަށު ފަޅުތެރެއިން އެކަމަށް ބޭނުންވާ ބިން ހިއްކައިގެންނެވެ. މިގޮތުން އެރަށު ފަޅުން ވަނީ ޖުމްލަ 25.9 ހެކްޓަރުގެ ބިން ހިއްކާފައެވެ.
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިންމާލިއިރު، ރަށުތެރޭގަ ޓާމިނަލް ހަދާ ސަރަހައްދު ސާފުކުރުމަށްފަހު އެތަނަށް އަޅާނެ ވެލިވެސްވަނީ ޖަމާކޮށްފައެވެ.
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކޮށްފައި ވަނީ ނެދަލަންޑްގެ ''ކްއީން އޮފް ދަ ނެދަލެންޑްސް'' އެވެ. މިއީ 35000 ކޮޑި މީޓަރުގެ ވެލި އުފުލުމުގެ ޤާބިލުކަންހުރި ޑްރެޖަރެކެވެ. މި ޑްރެޖަރު އިއްޔެ ވަނީ މަސައްކަތް ނިންމާލުމަށްފަހު މިލަންދޫ އިން ފުރާފައެވެ.
މިލަންދޫ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ނިމުނުކަން ހާމަކުރަށްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް މިއަދު ވަނީ މި މަސައްކަތުގެ ތަފްސީލް މީސް މީޑިއާގައި ހިއްސާ ކުރަށްވާފައެވެ.
ރައީސް ހާމަކުރެއްވި ތަފްސީލް:
- މިލަންދޫ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ފެށި ތާރީޚް: 03 އެޕްރީލް 2026
- މަސައްކަތް ނިމުނު ތާރީޚް: 04 މޭ 2026
- ހޭދަވި މުއްދަތު: 31 ދުވަސް
- ހިއްކުމަށް ކަނޑައެޅުނު ޖުމްލަ ސަރަހައްދު: 21 ހެކްޓަރު
- ހިއްކުނު ސަރަހައްދު: 21 ހެކްޓަރު
- ނިމިފައިވާ އިންސައްތަ: 100%
- ރަށުން ގަސް ނެގުނު ސަރަހައްދު: 4.9 ހެކްޓަރު
- މަޝްރޫޢުގެ ޖުމްލަ ސަރަހައްދު: 25.90 ހެކްޓަރު
- ޖުމްލަ ވެލީގެ މިންވަރު: 1,134,534 ކިއުބިކް މީޓަރު
- ކޮނުމަށް ބޭނުންކުރި ޑްރެޖަރު: ކުއީން އޮފް ދަ ނެދަލޭންޑްސް (އަދަދު: 35,000 ކިއުބިކް މީޓަރު)
Sh. Milandhoo Airport Reclamation Completed.
- Commencement Date: 03rd April 2026
- Completion date: 04th May 2026
- Duration: 31 Days
- Reclaimation Total Area: 21 Ha
- Area Reclaimed: 21 Ha
- Percentage completed: 100%
- Tree Removal area existing island: 4.9Ha
- Total… pic.twitter.com/4OyqPYWOms— Dr Mohamed Muizzu (@MMuizzu) May 5, 2026
އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްގެންނެވެ.
މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްއޮތް 30 މަސް ދުވަހުގެ ތެރޭގައި ނިންމާ ހުޅުވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު ވިދާޅުވެފައެވެ. އެ ދުވަހު މިލަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިލަންދުއަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުފުޅަކީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުކަމަށެވެ. އަދި މިއީ މިލަންދޫގެ އިތުރުން މުޅި މި އަތޮޅަށްވެސް ހުރިހާ މާނައެއްގައި ތަރައްޤީގެނެސްދޭނެ އުއްމީދީ މަޝްރޫޢެއްކަމުން މި މަޝްރޫޢަށް ޚާއްސަ އިސްކަމެއްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިލަންދޫ އެއަރޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާއި ޙަވާލުކޮށްފައިވަނީ، އެއަރޕޯޓު އަޅާނެ ތަނާއި، މެދުރާސްތާއާއި ދުރުރާސްތާއަށްވެސް ވިސްނައި ރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންހިފޭނެގޮތަށް ބެލިގެންކަމަށެވެ. އަދި އެއަރޕޯޓު އެޅުމަށްޓަކާ ރަށުގައި މިހާރު ބޭނުންކުރާ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރަންޖެހޭތީ، އެއަރޕޯޓު މަޝްރޫޢު ޑިޒައިންކޮށް ކުރިއަށްގެންދާނީ އެކަމަށް ބޭނުންވާ އިންތިޒާމްތައްވެސް ހަމަޖެހޭނެހެންކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!