ތަކުރާރުކޮށް ޤާނޫނާއި ޚިލާފްވާނަަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީ.އެން.އެފް) އަށް ދީފިއެވެ.
އީސީން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެހެން ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި ޙަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއް ކަމަށެވެ. އަދި ސިޔާސީ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ހުއްދަކުރާ ދާއިރާގެ ތެރެއިން ޢަމަލުކުރުމަކީ ޤާނޫނުން ލާޒިމްކޮށްފައިވާ ކަމެއްކަންވެސް އީސީން ފާހަގަކުރިއެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެޕާޓީއަކަށް ތާއިދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭފަދަ ޢަމަލެއް ކުރުމާއި، އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި އެއް ވަގުތަކާ ދިމާކޮށް އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލުތަކެއް ކަމަށް އީސީން ބުނެފައިވެއެވެ.
ޕީ.އެން.އެފް އިން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ޙަރަކާތްތަކުން ޤާނޫނާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުންދާކަމަށް މަޢުލޫމާތު ލިބިފައިވާތީ، އެފަދަ ޢަމަލުތައް ނުހިންގުމަށް ނަސޭޙަތްތެރިވެ އެކަން އެޕާޓީއަށް އަންގާފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ. އަދި މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ޙާޟިރުވުމަށް ދަޢުވަތު ދީފައިވީނަމަވެސް، ޕީ.އެން.އެފް އިން އެކަމަށް އުޒުރުވެރިވެފައިވާކަން އީސީން ފާހަގަކުރިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބަޔާން ނިންމާލަމުން ބުނެފައިވަނީ، އިސްވެ ބަޔާންކުރެވުނު ޢަމަލުތައް ތަކުރާރުވާނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޕާޓީއާ މެދު އަޅާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!