ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އެ ގައުމުގެ ސަރުކާރުން އެމަނިކުފާނަށް ރަސްމީގޮތުން މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
ކޮލަމްބޯގައި ހުންނަ ސްރީލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތަށް ރައީސް މުޢިއްޒު ވަޑައިގަތުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ.
ރަސްމިއްޔާތު ފެށިގެން ދިޔައީ 21 ބަޑީގެ ސަލާމަކުންނެވެ. އެއަށްފަހު، ރައީސް މުޢިއްޒުގެ ޝަރަފުގައި އޮތް ސްރީލަންކާގެ އަސްކަރިއްޔާގެ ގާޑް އޮފް އޮނަރއެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
މަރުޙަބާ ދެންނެވުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދިވެހި ސަރުކާރުގެ ކެބިނެޓް ވަޒީރުންނާއި އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާ ސަރުކާރުގެ ޢިއްޒަތްތެރިން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފްކޮށް އެރުވިއިރު، ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ލަންކާގެ ރައީސަށް ތަޢާރުފުކޮށް އެރުވިއެވެ.
His Excellency President Dr @MMuizzu is accorded an official ceremonial welcome at the Presidential Secretariat in Colombo today, marking the commencement of his State Visit to Sri Lanka.
The President was warmly received by His Excellency @anuradisanayake, President of the… pic.twitter.com/9fJIxA9dAX
— The President's Office (@presidencymv) May 4, 2026
ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ރައީސާއެކު ރަސްމީ ފޮޓޯއެއް ނަންގަވައި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު، ފުރަމާނަ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަތީ އިއްޔެ އެވެ. އެ ދެކަނބަލުން ލަންކާ އަށް ވަޑައިގަތުމުން ކޮލަމްބޯގެ ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓް (ބީ.އައި.އޭ) އިން އެދެކަނބަލުންނަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ. ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިސްތިގުބާލުކުރެއްވީ، ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ވަނީ 2025 ޖުލައި 28 އިން 30 އަށް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. އެއީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!