ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް (މޭ ޑޭ) ފާހަގަކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން މާލޭގައި ހާއްސަ ހިނގާލުމެއް ބާއްވައިފިއެވެ.

މި ހިނގާލުމުގައި ސަރުކާރުގެ ވަޒީރުންނާއި، މުއައްސަސާތަކާއި، ކުންފުނިތަކުގެ އިތުރުން ޓްރޭޑް ޔޫނިއަންތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

Ad
rt

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަސައްކަތްތެރިންގެ އަގުވަޒަންކުރުމާއި، އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. ހިނގާލުމުގެ ނިންމުމާ ގުޅުވައިގެން ރަސްފަންނު ސަރަހައްދުގައި މައުލޫމާތާއި ހިދުމަތްދޭ ބޫތުތަކެއް ހިމެނޭ މައުރަޒެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިހިނގާލުމުގައި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކަށް އަމާނާތްތެރިކަމާއެކު އަދުލުވެރި ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ދެއްވާފައެވެ. ވަޒީރު ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަންޖެހޭ ގިނަ ކަންކަން މީގެ ކުރިން އަތުން ދޫވެފައިވާ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިއަހަރު ވެގެންދާނީ މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރުކުރުމަށް، މަސައްކަތްތެރިންނާ ގުޅުންހުރި މުހިއްމު ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރެވޭ އަހަރެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އިންޑަސްޓްރިއަލް ރިލޭޝަންސްގެ ޤާނޫނާއި، އޮކިއުޕޭޝަނަލް ސޭފްޓީ އަދި ހެލްތުގެ ޤާނޫނު ފުރިހަމައަށް ރާއްޖޭގައި ތަންފީޒު ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ދިވެހި އަދި ބިދޭސީ މަސައްކަތްތެރިންނަކީ ދިވެހި އިޤްތިޞާދުގެ މައި ބަދަ. ރާއްޖެއިން މިހާތަނަށް ހޯދި ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ތިބީ މަސައްކަތްތެރިން،" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފެށިތާ މިއަހަރަށް 19 އަހަރު ފުރިފައިވާއިރު، ސަރުކާރުން ދަނީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.