ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް "ޕްރެސަރ ވިތް ދަ ސްޕޯކްސް" ގެ ނަމުގައި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކެއް މިއަދު ފަށައިފިއެވެ.
މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް މިއަދު މެންދުރު ޓެލެވިޜަން މޯލްޑިވްސްގައި ވަނީ ބާއްވަވާފައެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި މިއީ ސަރުކާރުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމަށާއި، ނޫސްވެރިން ބޭނުންވާ މަޢުލޫމާތުތަކަށް ސީދާ ޖަވާބު ދިނުމުގެ މަޤްޞަދުގައި ފެށި ފޯރަމެކެވެ.
މި ބައްދަލުވުންތައް ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ގާތްގަޑަކަށް 55 މިނެޓަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅުގެ ތަފްޞީލު ހިއްސާކުރައްވާފައެވެ. އެގޮތުން ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް މޭ މަހުގެ 3 އިން 6 އަށް ރައީސް އެ ޤައުމަށް ޒިޔާރަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ މަޢުލޫމާތުތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް މިއަދު ވަނީ އިފްތިތާޙުކޮށްފައެވެ. "ދަ ފީޑް އެމްވީ" ގެ ނަމުގައި އިންސްޓަގްރާމް އަދި ޓިކްޓޮކްގައި މި އެކައުންޓްތައް ބޭނުންކުރަން ފަށާފައިވާކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!