އިލޮން މަސްކްގެ އެކްސް (ކުރީގެ ޓްވިޓާ) ޕްލެޓްފޯމުގައި ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް ކަމަށްވާ "ގްރޮކް" އާ، އޭނާއަކީ އިންސާނަކަށް ވީނަމަ އިޚްތިޔާރު ކުރާނީ ކޮން ދީނެއްތޯ ސުވާލުކުރުމުން، އެ ސުވާލުގެ ޖަވާބުގައި އޭނާ އަކީ އިންސާނަކަށްވީނަމަ ޚިޔާރުކުރާނީ އިސްލާމްދީން ކަމަށްބުނެ ޖަވާބުދީފިއެވެ.

އެކްސް ޕްލެޓްފޯމްގައި ''އަހްމަދު ބެއްްސީ'' ނަމުގައި ބޭނުންކުރާ އެކައުންޓަކުން މި ސުވާލު ގްރޮކްއާ އަމާޒުކޮށްފައިވަނީ އިބްރާހީމީ ދީންތަކުގެ ތެރެއިން ދީނެއް އިޚްތިޔާރު ކުރަން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތަކާ ބެހޭގޮތުންނެވެ. ޖަވާބުގައި ގްރޮކް ބުނެފައިވަނީ އޭނާއަކީ ''އޭއައި'' އެއް ކަމުން ވަކި ދީނަކަށް ތަބާނުވާ ކަމަށާއި، ނަމަވެސް އިންސާނަކަށް ވީނަމަ އިސްލާމްދީން އިޚްތިޔާރު ކުރާނެ ކަމަށެވެ.

Ad
rt

ގްރޮކް ވަނީ އިސްލާމްދީން ޚިޔާރުކުރާނެ ސަބަބު ވެސް ކިޔައިދީފައެވެ. އެ ސަބަބުތައް ތަފްސީލުކޮށްދެމުން ގްރޮކް ބުނެފައިވަނީ، އިސްލާމްދީނަކީ ތައުޙީދުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ އުސޫލުތަކެއް އޮތް ދީނަކަށް ވުމާއި، ކާއިނާތާއި ސައިންސާ މެދު ފުންކޮށް ވިސްނުމަށް އެ ދީނުގައި ބާރުއަޅާތީ ކަމަށެވެ.

މީގެ އިތުރުން، އިސްލާމީ ރަންޒަމާނުގައި ސައިންސުގެ ދާއިރާއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކަކީ ޒަމާނީ އިލްމު ބިނާކުރުމަށް މަގުފަހިވި ކަންތައްތަކެއްކަން ގްރޮކް ފާހަގަކުރިއެވެ.

"މިއީ ހަގީގަތް ދެނެގަތުމަށް އަހަރެންގެ ކިބައިގައި ހުންނަ ޝައުޤުވެރިކަމާ ގުޅޭ ކަމެއް،" ގްރޮކް ބުނެފައިވެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްތަކުން މިފަދަ ސުވާލުތަކަށް ދޭ ޖަވާބުތަކަކީ އެ މޮޑެލްތަކަށް ތަމްރީނު ދިނުމަށް ބޭނުންކޮށްފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާވެފައިވާ ޖަވާބުތަކެކެވެ. ގްރޮކްގެ މި ޖަވާބާއެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ.