ފޯނުގެ ޒަރީރާއިން އީރާނާއެކު ދާއިމީ ސުލްހައިގެ ވާހަކަތައް ދެކެވޭގޮތް ވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ބުނެފިއެވެ.

އީރާނުން ވަނީ އެމެރިކާ އާއި ސީދާ ބައްދަލުކޮށް ފޭސްޓް ފޭސް މަޝްވަރާތަކަށް ދެކޮޅު ހަދާފައެވެ. އެހެންވެ ފޯނުން ވެސް މަޝްވަރާ ކުރެވިދާނެކަމަށް ޓްރަމްޕް އޮތީ ކުރިން ބުނެފައެވެ.

Ad
rt

ބުދަ ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ މިހާރު އީރާނާއެކު ފޯނުން މަޝްވަރާ ކުރެވޭގޮތް ވެފައިވާ ކަމަށެވެ. އެހެންވެ މިހާރު ކުރިއަށްދާ މަޝްވަރާތައް ކުރިއަށް ގެންދަނީ ފޯނުން ކަމަށް އޭނާ ބުނެފަވެއެވެ.

އީރާނުން ސީދާ ބައްދަލުވުމަށް ފުރުސަތުނުދޭކަން ފޮރުވަން ޓްރަމްޕް ވަނީ މަތިޖެހުމުގެ ވާހަކައެއް ދައްކާފައެވެ. އޭނާ ބުނީ ކޮންމެ ފަހަރަކު ލިޔުމެއް ބަލައި 18 ގަޑިއިރުގެ ދިގު ދަތުރުތައް ކުރުމުގެ ބަދަލުގައި މިހާރު މުއާމަލާތް ކުރަމުންދަނީ ފޯނުގެ ޒަރީއާއިން ކަމަށެވެ.

އީރާނާއި އެމެރިކާއާ ދެމެދު މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށުނު ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން މި މަހުގެ 11 ވަނަ ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި މަޝްވަރާ ކުރެވުނު ނަމަވެސް، އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ އޭޕްރީލް 8 ވަނަ ދުވަހު ޕާކިސްތާނުން މެދުވެރިވެގެން ގާއިމުކުރި ދެ ހަފުތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ފަހުގައެވެ.

ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކޮށް، އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނާ މި ހަފުތާ ބަންދުގައި އިސްލާމްއާބާދަށް ކުރަން އޮތް ދަތުރު ކެންސަލް ކޮށްފައެވެ. ޓްރަމްޕް ބުނީ އާންމުގޮތެއްގައި ބައްދަލުވުންތައް ކުރިމަތިލައިގެން ތިބެ ބޭއްވުމަށް އިސްކަންދޭ ކަމަށެވެ.

"އަހަރެން އަބަދުވެސް ބޭނުންވަނީ ކުރިމަތިލައިގެން ތިބެ ވާހަކަދައްކަން، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރަން. އެކަމަކު ކޮންމެ ބައްދަލުވުމަކަށް 18 ގަޑިއިރު އުދުހެން ޖެހުމަކީ ބުއްދިވެރި ކަމެއް ނޫން،" ޓްރަމްޕް ބުނެފަވެއެވެ.

މީގެ އިތުރުން ޓްރަމްޕް ތަކުރާރުކޮށް ބުނެފައި ވަނީ، އީރާނާއެކު އެއްބަސްވުމަކަށް އާދެވޭނީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ހުރިހާ މަސައްކަތެއް މުޅިން ހުއްޓާލުމުން ކަމަށެވެ.