އިންސާނާގެ ހަށިގަނޑުގެ ސެލްތައް މުސްކުޅިވުން ލަސްކޮށްދޭ ޖީން ތެރަޕީ ބޭހެއް ނުވަތަ "މުސްކުޅިވުމާ ދެކޮޅު ވެކްސިނެއް" ރަޝިއާއިން އުފައްދަމުންދާކަން އެ ގައުމުގެ ސައިންސް އެންޑް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
މި ވެކްސިނަކީ ހަށިގަނޑު މުސްކުޅިވުމާ ގުޅުންހުރި ރިސެޕްޓަރެއް ބްލޮކްކޮށްގެން މަސައްކަތްކުރާ އެއްޗެކެވެ.
ރަޝިއާގެ ޑެޕިއުޓީ ސައިންސް މިނިސްޓަރު ޑެނިސް ސެކިރިންސްކީ ވިދާޅުވި ގޮތުގައި، މި ތަޖުރިބާގެ މަރުހަލާގައިވާ ފަރުވާ އަމާޒުކުރަނީ 'RAGE' ރިސެޕްޓަރަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ރިސެޕްޓަރު ހަރަކާތްތެރިވުމަކީ ސެލްތައް މުސްކުޅިވުމަށް މަގުފަހިވާ ކަމެކެވެ.
"RAGE ޖީނަކީ އޭގެ ސަބަބުން ސެލްތައް މުސްކުޅިވާން ފަށާ ރިސެޕްޓަރެއް. މި ޖީން ބްލޮކް ކުރުމުން ސެލްތަކުގެ ޒުވާންކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެ،" ސެކިރިންސްކީ ވިދާޅުވިއެވެ.
މި މަޝްރޫއަކީ އިންސްޓިޓިއުޓް އޮފް އޭޖިންގް ބަޔޮލޮޖީ އެންޑް މެޑިސިން އިން ކުރިއަށްގެންދާ މަސައްކަތެކެވެ. މިއީ ރަޝިއާގެ އާބާދީ ދަށްވަމުންދިއުމާއި، އާބާދީ މުސްކުޅިވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށް އެ ގައުމުން ފަށާފައިވާ ބަޔޯޓެކްނޮލޮޖީ ދިރާސާތަކުގެ ބައެކެވެ. ރަޝިއާގެ ސަރުކާރުން މިހާރު ވަނީ އިންސާނުންގެ އުމުރު ދިގުކުރުމުގެ ދިރާސާތަކަކީ ގައުމީ ފެންވަރުގެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
ރަޝިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޓަޓްޔާނާ ގޮލިކޯވާ މީގެ ކުރިން ވިދާޅުވެފައިވަނީ، 2028 އާއި 2030 އާ ދެމެދު މިފަދަ ބޭހެއް އުފައްދަން ފެށުމަށް ރަޝިއާއިން ރާވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިން ހީކުރެވުނު އާދަޔާ ހިލާފު މުސްތަގުބަލު މިހާރު ހަގީގަތަކަށް ވަމުންދާ ކަމަށެވެ.
މި މަސައްކަތް ކުރިއަށްދަނީ ރައީސް ލަޑިމިއަރ ޕޫޓިންގެ އިރުޝާދުގެ ދަށުން 2025 ވަނަ އަހަރު ފެށި 'ނިއު ޓެކްނޮލޮޖީސް ފޯ ހެލްތު ޕްރިޒަވޭޝަން ނޭޝަނަލް ޕްރޮޖެކްޓް' ގެ ދަށުންނެވެ. މި ޕްރޮގްރާމަށް 2 ޓްރިލިއަން ރޫބަލް (ގާތްގަނޑަކަށް 26.4 ބިލިއަން ޑޮލަރު) ގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.
ރަޝިއާގެ ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން އެ ގައުމުގެ ފިރިހެނުންގެ އެވްރެޖް އުމުރަކީ 67 އަހަރެވެ. ރައީސް ޕޫޓިންގެ އުމުރުފުޅުން މިހާރު 73 އަހަރު ވެފައިވާއިރު، އެ ގައުމުގެ އިސް ގިނަ ވެރިންނަކީވެސް ދޮށީ އުމުރުގެ ބޭފުޅުންނެވެ. މި މަޝްރޫއަކީ ޕޫޓިންގެ އަރިސް ބޭފުޅެއް ކަމަށްވާ މިޚައިލް ކޮވަލްޗުކްގެ ހުވަފެނެއް ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!