އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރޭ ޚާއްޞަ ލިމިޓެޑް އެޑިޝަން ޕާސްޕޯޓްތަކެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ހިމެނުމަށް ނިންމާފައިވާކަން ވައިޓް ހައުސްއިން ކަށަވަރުކޮށްދީފިއެވެ.

ފޮކްސް ނިއުސްއިން ފުރަތަމަ ރިޕޯޓްކުރި މި ޚަބަރާ ގުޅިގެން ސަރުކާރުގެ އިސް އޮފިޝަލަކު ''ބީބީސީ'' އަށާއި ''ދަ ގާޑިއަން'' ފަދަ ނޫސްތަކަށް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އޭނާ ބުނެފައިވާގޮތުގައި، މި ޕާސްޕޯޓްތައް ދޫކުރާނީ އަންނަ ޖުލައި މަހު ފާހަގަކުރާ އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ އިޙްތިފާލުތަކުގެ ބައެއްގެ ގޮތުގައެވެ.

Ad
rt

ސްޓޭޓް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ ޕާސްޕޯޓުގެ ކުރެހުމުން ފެންނަ ގޮތުގައި، ޓްރަމްޕްގެ ތަަސްވީރުގެ ވަށައިގެން މިނިވަންކަމުގެ އިޢުލާނުގެ އިބާރާތްތަކާއި އެމެރިކާގެ ދިދަ ހިމެނެއެވެ. މީގެ އިތުރުން ރައީސްގެ ސޮއި ރަން އަކުރުން ފެންނަން ހުރެއެވެ. މި ޕާސްޕޯޓްތައް ލިބޭނީ ހަމައެކަނި ވޮޝިންގޓަން ޕާސްޕޯޓް އެޖެންސީއަށް ހުށަހަޅާ އެމެރިކާގެ ރައްޔިތުންނަށެވެ. އަދި މިއީ ސްޓޮކް ހުސްވަންދެން ދޫކުރާނެ އެއްޗެއް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ވައިޓް ހައުސްގެ ތަރުޖަމާނަކު ބައެއް މީޑިއާތަކަށް ބުނެފައިވާގޮތުގައި ޓްރަމްޕްގެ މި އާ ގައުމީ ޕާސްޕޯޓް ފަރުމާއަކީ އެމެރިކާގެ 250 ވަނަ އުފަންދުވަހުގެ ކުލަގަދަ އިޙްތިފާލުތަކުގައި އެމެރިކާގެ ރައްޔިތުންނަށް ބައިވެރިވެވޭނެ އިތުރު ފުރިހަމަ ގޮތެއް ކަމަށެވެ. އަދި މި އާ ޕާސްޕޯޓުގެ އިތުރުން ޔޫއެފްސީ250 ފައިޓާއި، ގްރޭޓް އެމެރިކަން ސްޓޭޓް ފެއާ ފަދަ ހަރަކާތްތަކުން ގައުމީ ''ފަޚުރުވެރިކަން'' ރައީސް އާލާކުރަމުން ގެންދާ ކަމަށްވެސް އޭނާ ބުނެފަވެއެވެ.

މި ޕާސްޕޯޓަކީ ސަރުކާރުގެ އެކި ޕްރޮގްރާމްތަކާއި ބިނާތަކުގައި ޓްރަމްޕްގެ ނަމާއި ސިފަ ހިމެނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފަހުގެ ނިންމުމެވެ. މިގޮތުން އެމެރިކާގެ ފައިސާ ނޫޓުގައި ސޮއިކުރައްވާ ފުރަތަމަ ރައީސަށް ޓްރަމްޕް ވެގެންދާއިރު، ޓްރަމްޕްގެ ސޫރަ ހިމެނޭ ރަން ފައިސާ ފޮއްޗެއް ނެރުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ކެނެޑީ ސެންޓަރުގެ ނަން 'ޓްރަމްޕް-ކެނެޑީ ސެންޓަރު' އަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ނަމަވެސް، މި ބަދަލުތަކާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ޚާއްޞަކޮށް ވޮޝިންގޓަންގައި ބިނާކުރާ 250 ފޫޓުގެ "އާކް ޑި ޓްރަމްޕް" ބިނާއާއި، ވައިޓް ހައުސްގެ އީސްޓް ވިންގް ތަޅާލައި ބޯލްރޫމެއް ހެދުމަށް ކުރާ މަސައްކަތާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރެއެވެ. ވައިޓް ހައުސްގެ ބައެއް ތަޅާލި މައްސަލާގައި ނޭޝަނަލް ޓްރަސްޓް ފޯ ހިސްޓޮރިކް ޕްރިޒަވޭޝަންއިން ވަނީ ސަރުކާރާ ދެކޮޅަށް ދަޢުވާވެސް ކޮށްފައެވެ.