އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެމެރިކާއިން މިހާތަނަށް ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ޕެންޓަގަނުގެ އިސް އޮފިޝަލަކު ހާމަކޮށްފިއެވެ.
މި މަޢުލޫމާތު ހާމަކުރީ ބުދަ ދުވަހު ހައުސް ކޮމިޓީގައި ވާހަކަދައްމުން ޕެންޓަގަނުގެ އެކްޓިންގ ޗީފް ފައިނޭންޝަލް އޮފިސަރު ޖޫލްސް ޑަބްލިއު ހަރސްޓް އެވެ.
ހަރސްޓް ބުނި ގޮތުގައި މި ހޭދައިގެ ބޮޑު ބައެއް ހިއްސާކުރަނީ ހަތިޔާރާއި ގޮވާތަކެއްޗަށް ކުރި ޚަރަދުތަކެވެ. މީގެ އިތުރުން އޮޕަރޭޝަންތަކާއި، މަރާމާތު ކުރުމާއި، އަދި ހަލާކުވާ ހަތިޔާރުތަކުގެ ބަދަލުގައި އާ ހަތިޔާރު ހޯދުމަށް ކުރި ޚަރަދުތައްވެސް މި ޖުމްލަ އަދަދުގެ ތެރޭގައި ހިމެނެއެވެ. ހަނގުރާމައިގެ ޖުމްލަ ޚަރަދުތައް ދެނެގަނެވުމުން، ވައިޓް ހައުސް މެދުވެރިކޮށް ކޮންގްރެސްއަށް އިތުރު ބަޖެޓަކަށް އެދި ހުށަހަޅާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ޕެންޓަގަނުން 1.5 ޓްރިލިއަން ޑޮލަރުގެ ބަޖެޓަކަށް އެދުން
ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ 2027 ވަނަ މާލީ އަހަރަށް 1.5 ޓްރިލިއަން ޑޮލަރުގެ ބަޖެޓެއް ހުށަހަޅާފައެވެ. ހެގްސެތު ބުނި ގޮތުގައި މި ބަޖެޓަކީ "މިވަގުތުގެ ނާޒުކުކަމަށް ބަލައި، ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިމަގުގައި ކުރިމަތިވެދާނެ ހަނގުރާމަތަކަށް ތައްޔާރުވުމަށް" އެކުލަވާލާފައިވާ ބަޖެޓެކެވެ. ކުރީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ދިފާއީ ދާއިރާ ބަލިކަށިވެފައިވާ ކަމަށް ތުހުމަތު ކުރަމުން، މިހާރުގެ ސަރުކާރުން މަސައްކަތް ކުރަނީ ގައުމުގެ ދިފާއީ ބާރު "ހަނގުރާމައިގެ ހާލަތަކަށް" ގެނައުމަށް ކަމަށް އޭނާ ބުންޏެވެ.
ޔޫކްރެއިން މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހެގްސެތު ވަނީ ބައިޑަންގެ ސަރުކާރުން އެއްވެސް ޒިންމާދާރުކަމެއް ނެތި އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ޔޫކްރެއިނަށް ދީފައިވާ ކަމަށް ބުނެ ފާޑުކިޔާފައެވެ. ނަމަވެސް މިހާރު ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރުގެ ޚަރަދުތަކުގައި ޔޫރަޕްގެ ގައުމުތަކުން ބައިވެރިވާން ފެށުމަކީ އުފާކުރައްވާ ކަމެއް ކަމަށް އޭނާ ބުނެފަވެއެވެ.
ޒަމާނީ ހަނގުރާމައާއި ކުރިމަތިވެފައިވާ ގޮންޖެހުންތައް
ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން ބުނި ގޮތުގައި ހަނގުރާމަ ކުރުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއެކު، އޮޓޮނޮމަސް ސިސްޓަމްތަކާއި، ކަނޑުގެ އަޑީގެ ޓެކްނޮލޮޖީއާއި، ސައިބާ އަދި ޖައްވީ ދާއިރާއަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހެއެވެ. އާ ބަޖެޓަކީ ޓެކްނޮލޮޖީގެ ރޭހުގައި ކުރި ހޯދުމަށް ފަރުމާކުރެވިފައިވާ ބަޖެޓެއް ކަމަށް އޭނާ ބުނެފަވެއެވެ.
މެދުއިރުމަތީގައި އެމެރިކާގެ ތިން އެއާކްރާފްޓް ކެރިއަރު ބޭއްވުމުން އޭޝިއާ-ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުރައްކާ އިތުރުވެދާނެތޯ ސުވާލުކުރުމުން، ކޭން ބުނީ ކޮންމެ ނިންމުމެއްގައިވެސް ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް މި ނިންމުންތައް ނިންމަނީ ހުރިހާ ނުރައްކާތަކަކަށް ވަރަށް ފަރުވާތެރިކަމާއެކު ބެއްލެވުމަށްފަހު ކަމަށް އޭނާ ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!