ކައުންސިލް އިންތިޚާބުގައި ވޯޓު ފޯށި ބެހެއްޓޭ ވަރަށް މީހުން ރީ-ރަޖިސްޓްރީ ކޮށްފައިވަނީ 22 ރިސޯޓެއްގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ރީ - ރަޖިސްޓްރީ ކުރުމަށް ފެބްރުއަރީ މަހު ހުޅުވާލި ފުރުޞަތުގައި 22000 މީހުން ރީރަޖިސްޓްރީކުރުމަށް ފޯމް ހުށައަޅާފައިވާކަމަށްވެސް އިލެކްޝަން ކޮމިސަނުން ވިދާޅުވިއެވެ. އަދި ރީރަޖިސްޓަރ ވާން ހުށައެޅި ފޯމްތައް މިއަދުގެ ނިޔަލަށް ޕްރޮސެސްކޮށް ނިންމާލެވޭނެކަމަށްވެސް އިލެކްޝަންސް އެ ކޮމިޝަނުން ހާމަކުރެއްވިއެވެ.

Ad
rt

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި 53 ރިޒޯޓެއްގައި ރީ-ރަޖިސްޓަރ ކުރަން ފުރުޞަތު ހުޅުވާލިކަމަށެވެ. ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓްތަކުގެ ތެރެއިން ފެބްރުއަރީ 16 އިން 27 ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުޞަތުގައި 50 މީހުން ރަޖިސްޓްރީކޮށްފައިވަނީ ހަމައެކަނި 22 ރަށެއްގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއާއެކު ވޯޓު ފޮށި ބެހެއްޓޭވަރަށް މީހުން ރަޖިސްޓްރީ ނުކުރާ ރިސޯޓުތަކުގައި މިފަހަރު ރަޖިސްޓިކުރި މީހުންނަށް ވޯޓުލުމަށް ބޭނުންވާ އެހެންތަނެއްގައި ރަޖިސްޓްރީކުރުމުގެ ފުރުޞަތު، މިމަހުގެ 6 އަދި 7 ގައި އަލުން ހުޅުވާލާނެކަމަށްވެސް އެކޮމިޝަނުން ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީތަކަށް ޖުމްލަ 2435 މީހުން ކުރިމަތިލާފައިވާއިރު، ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު ޖުމްލަ 980 ކައުންސިލަރުން މިފަހަރު އިންތިޚާބުކުރާނެއެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުްނސިލް އިންތިޚާބުގައި 269562 މީހަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިގެންވެއެވެ.