ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ މިންތީގެ ހަމަހަމަކަމުގެ އިތުރުން، އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ 2026 އިން 2028 އަށް ޢައްޔަންކުރެއްވި "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" ކޮމިޓީ އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގަތުމާއެކު، އެކަމަނާގެ ޝަރަފުގައި އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. ރަސްމިއްޔާތުގެ ތެރެއިން އައު ކޮމިޓީ އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން، އެ ކޮމިޓީގެ ރަސްމީ ލޯގޯވެސް ވަނީ ދައްކާލާފައެވެ.

މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މެޑަމް ސާޖިދާ ވިދާޅުވީ، ފުލުހުންގެ ތެރޭގައި އަންހެން އޮފިސަރުން އިތުރުވުމުން ގެވެށި އަނިޔާއާއި ޖިންސީ އަނިޔާ ފަދަ ހައްސާސް މައްސަލަތަކަށް ދެވޭ އިޖާބަ ހަރުދަނާވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ފުލުހުންގެ ޚިދުމަތަށް މުޖުތަމަޢުގެ އިތުބާރު ބޮޑުވެގެންދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އަންހެނުން ހަމައެކަނި އިދާރީ މަސައްކަތްތަކުގައި ތިބުމުގެ ބަދަލުގައި، ފްރަންޓްލައިން އޮޕަރޭޝަންތަކާއި ތަޙުޤީޤީ ދާއިރާތަކުން ކުރިއަށް ދިއުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. އަދި އެހެން ދާއިރާތަކާ އަޅާބަލާއިރު ފުލުހުންގެ ޚިދުމަތުގައި އަންހެނުން މަދުކަން ފާހަގަކުރައްވައި، އެ އަދަދު އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން، އަންހެނުންނަށް ވަޒީފާގެ މާޙައުލުގައި ދެމިތިއްބެވޭނެ ފަދަ ޢާއިލީ ޒިންމާތަކާ ގުޅޭ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒުކުރުމުގެ މުހިންމުކަންވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.