އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ތާއީދު އޮތްކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad
rt

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ތިއްބަވަނީ 12 މެންބަރުންނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޕީޖީ ގްރޫޕުގެ 10 މެންބަރަކު ބައިވެރިވެވަޑައިގެން، މީކާއީލަށް ތާއީދުކުރާކަން ރަސްމީކޮށް ވަނީ އިއުލާންކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވި ގޮތުގައި މީކާއީލަކީ މަޖިލީހާއި ޕާޓީގެ މަސައްކަތްތަކުގައި އަބަދުވެސް އެންމެ އިސް ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. އޭނާގެ މަސައްކަތްތެރިކަމާއި ޕާޓީއަށް ހުރި ވަފާތެރިކަމަށް ނާޒިލް ވަނީ ތައުރީފު ކުރައްވާފައެވެ.

ޗެއަރޕާސަންގެ މަގާމަށް މީކާއީލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަލްހާން ފަހުމީ ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ.

މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މޭ 26 އަށް ހަމަވާއިރު، ވޯޓުލުން އޮންނާނީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. އެމްޑީޕީން ދަނީ އިންތިޚާބުގެ ތައްޔާރީތައް ވަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިވަގުތު ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)އެވެ.