މާލޭގެ ގ. ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދަޢުވާކުރަން ފޮނުވާފައިވަނީ ލ. މާބައިދޫ / ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ) ގެ މައްޗަށެވެ.

Ad
rt

ފުލުހުން މިއަދު ހާމަކުރި ގޮތުގައި، 2026 މާރިޗު 18 ވަނަ ދުވަހު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގި ތަހުގީގު މިހާރު ވަނީ ނިންމާފައެވެ. އެހެންކަމުން، މި މައްސަލައިގައި ދައުވާ އުފުލުމަށްޓަކައި 2026 އޭޕްރީލް 21 ވަނަ ދުވަހު ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ޝަޙްބާން ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން މިހާރު ވަނީ އަމުރުކޮށްފައެވެ.

ގަލޮޅު މޯޗަރީ ކައިރީ ހުންނަ މި ގޭގައި އަލިފާނުގެ ހާދިސާ ހިނގުމުގެ ހައެއްކަ މިނެޓު ކުރިން މީހަކު އެ ގެއަށް ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މި ހާދިސާ ހިނގާފައިވަނީ މާރިޗު 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވާ ގޮތުގައި، އަލިފާން ރޯވި ތަނަކީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެކެވެ. މި

ހާދިސާގައި އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާއަށް އެކިވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.