އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން އަދި ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވްއާ އެކު މަތީ ފަންތީގެ ބައްދަލުވުންތަކެއް ބޭއްވުމަށްޓަކައި މިއަދު، 27 އެޕްރީލް 2026 ގައި ރަޝިޔާގެ ސެއިންޓް ޕީޓަރސްބާގަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށާއި، އީރާނާއި އެމެރިކާއާ ދެމެދު ހުއްޓިފައިވާ ސުލްހައިގެ ވާހަކަތަކާ ގުޅޭގޮތުން ކުރިއަށްގެންދާ ފުޅާ ދިޕްލޮމެޓިކް މަސައްކަތްތަކުގެ ބައެކެވެ.

Ad
rt

މި ދަތުރުފުޅުގައި ވެސް އަރާގްޗީ ބޭނުންކުރައްވާފައިވަނީ "މިނާބް 168" ގެ ނަމުން ނަންދެވިފައިވާ ސަރުކާރުގެ ޚާއްސަ ބޯޓެކެވެ. މި ބޯޓަކީ 28 ފެބްރުއަރީ 2026 ގައި ހޮރްމުޒްގާން ޕްރޮވިންސްގެ މިނާބް ސިޓީގެ ޝަޖަރޭ ތައްޔިބާ އެލިމެންޓްރީ ސްކޫލަށް އިސްރާއީލާއި އެމެރިކާއިން ދިން ހަމަލާގައި ޝަހީދުވި މީހުންގެ ހަނދާނުގައި ޚާއްސަކުރެވިފައިވާ ބޯޓެކެވެ. މި ބޯޓުގައި އެ ހަމަލާގައި ޝަހީދުވި ކުދިންގެ ފޮޓޯތަކާއި، ސްކޫލް ދަބަސްތަކާއި، އަމިއްލަ ސާމާނު ބެހެއްޓިފައިވާ އިރު، އެ ކުދިންގެ ހަނދާނުގައި ބައެއް ގޮނޑިތައް ވަނީ ހުސްކޮށް ބަހައްޓާފައެވެ.

އަރާގްޗީ މި ރަމްޒީ ބޯޓު ބޭނުން ކުރައްވަނީ ދުނިޔޭގެ ބާރުތަކާއެކު ބާއްވާ މަޝްވަރާތަކުގައި "ހަނގުރާމައިގެ އިންސާނީ އަގު" މައިގަނޑު ކަމެއްގެ ގޮތުގައި ދެއްކުމަށެވެ. މިނާބްގެ ހިތާމަވެރި ހާދިސާގައި ޖުމްލަ 168 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 110 ސްކޫލް ކުދިން ހިމެނެއެވެ. އީރާނުން ރަސްމީކޮށް ތުހުމަތުކުރާ ގޮތުގައި މި ހަމަލާ ދީފައިވަނީ އެމެރިކާއާއި އިސްރާއީލުން ގުޅިގެންނެވެ.

މި ހަމަލާއާ ގުޅިގެން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ބުނީ ވޮޝިންޓަނުން މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށާއި، ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން "ދުވަހަކުވެސް އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒު ނުކުރާނެ" ކަމަށެވެ. އަނެއްކޮޅުން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެ ވަގުތު އެ ސަރަހައްދުގައި އެއްވެސް އޮޕަރޭޝަނެއް ހިންގާފައިވާކަން އިންކާރުކޮށްފައެވެ. އެހެންނަމަވެސް ރޮއިޓާސް، އޭއެފްޕީ ފަދަ ނޫސް އޭޖެންސީތަކުން ކުރި މިނިވަން ތަހުގީގުން ވަނީ އެ ސްކޫލަށް އަމާޒުވީ އެމެރިކާއި އިސްރާއީލުގެ ހަމަލާކަން ކަށަވަރުވެފައެވެ. އަދި އެ ސްކޫލަށް ދެ ފަހަރެއްގެ މަތިން ހަމަލާދިންކަން ރޮއިޓާސްގެ ހޯދުންތަކުން ކަށަވަރުކޮށްދިނެވެ.

މި ހާދިސާއަކީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

އަރާގްޗީ ރަޝިޔާއަށް ވަޑައިގެންފައި މިވަނީ ޕާކިސްތާނުގައި ބޭއްވުމަށް ރޭވި މަޝްވަރާތައް ނާކާމިޔާބުވެ، އޮމާނަށް ކުރު ދަތުރުފުޅެއް ކުރެއްވުމަށްފަހުއެވެ. ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވުމާއި، އީރާނުގެ ބަނދަރުތައް އަސްކަރީ ގޮތުން ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، ރަޝިޔާގައި ބޭއްވޭ މި މަޝްވަރާތަކަކީ ސުލްހައަކަށް "ގާނޫނީ އޮނިގަނޑެއް" ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މީގެ ކުރިން ވެސް އީރާނުން ސުލްހައިގެ ވާހަކަތަކަށް ޕާކިސްތާނަށް ކުރި ދަތުރުތަކުގައި ވެސް ބޭނުންކޮށްފައި ވަނީ މި ބޯޓެވެ.