އިރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަޝްވަރާ ކުރުމަށް، އެމެރިކާއާ ފޯނުން ގުޅުމުގެ ފުރުސަތު އޮތް ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އީރާނުން އެމެރިކާ އާއި ފޭސްޓް ފޭސް މަޝްވަރާއަށް ދެކޮޅު ހަދާފައިވާއިރު، ޓްރަމްޕް މިހެން ބުނީ އާދީއްތަ ދުވަހު ''ފޮކްސް ނިއުސްއަށް'' ދިން އިންޓަވިއުއެއްގައެވެ.

Ad
rt

"އެމީހުން ވާހަކަދައްކަން ބޭނުންނަމަ، އަހަރެމެންގެ ގާތަށް އާދެވިދާނެ، ނުވަތަ އަހަރެމެންނަށް ގުޅިދާނެ. އެނގިވަޑައިގަންނަވާނެ ފަދައިން ފޯނު އެބަހުރި. އަހަރެމެންގެ އަތުގައި ވަރަށް ރަނގަޅު، ރައްކާތެރި މުވާސަލާތީ ލައިންތައް އެބަހުރި،" ފޮކްސް ނިއުސްގެ "ދަ ސަންޑޭ ބްރީފިންގް" ޕްރޮގްރާމުގައި ވާހަކަދައްކަމުން ޓްރަމްޕް ބުނެފަވެއެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަ ދައްކާފައި ވަނީ ސުލްހައިގެ މަޝްވަރާތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، ޕާކިސްތާނަށް ފޮނުވަން ނިންމެވި އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނަރގެ ދަތުރު ޓްރަމްޕް ވަނީ ހޮނިހިރު ދުވަހު ކެންސަލް ކޮށްފައެވެ.

މި ދަތުރު ކެންސަލް ކުރީ އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އިސްލާމްއާބާދަށް ވަޑައިގެން ހަމައެކަނި ޕާކިސްތާނުގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށްފަހު އެނބުރި ވަޑައިގަތުމާ ގުޅިގެންނެވެ.

މި ހާލަތުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވަނީ އާ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ޓްރަމްޕްގެ ވާހަކައިން ދޭހަކޮށްދިނުމަށް މަސައްކަތްކޮށްފައި ވަނީ މަޝްވަރާގެ ދޮރު ހުޅުވިފައި އޮތް ނަމަވެސް، އިސްނަގަން ޖެހޭނީ އިރާނުން ކަމަށެވެ.