ސްކޫލް ދަރިވަރުންގެ އަޚްލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމާއެކު ކުށްމަދު މުޖްތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން 'އަމާންވެށި' ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ 81 ވަނަ ފުރާވަރު ކޭމްޕް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ހއ. އަތޮޅު މަދަރުސާގައި މިކަމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝްއެވެ.

Ad
rt

Furaavaru camp Dhihdhoo 1

މި ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް ދެއްކެވި ވާހަކަ ފުޅުގައި، މިހާރު މިއަންނަ ތަރައްްްގީއާއެކު އަޅުގަނޑުމެންގެ ވިސްނުންވެސް ތަރައްގީކުރުމަށް މަސައްކަތްކުރުމަށް އެދިލެއްވިއެވެ. އަދި ކޮންމެ ކުޖަކުވެސް ވިސްނަށްވާނީ އެކުޖެއްގެ ނަފްސު ތަރައްގީކޮށް މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ކޮށްދިނުމަށް ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ބެލެނިވެރިންވެސް ވީވަރަކުން ދަރިންނަށް ވަގުތުދިނުމާއެކު އެކުދިންނަށް އިތުބާރުކުރައްވާނެކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި އެކުދިންގެ އުމުރާ ގުޅޭގޮތުން ޒިންމާތައް ހަވާލުކުރުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދުމާއި ކުދިންލައްވާ މައްސަލަތައް ހައްލުކުރުމަށް ބާރުއެޅުމާ އަދި ރަނގަޅު މުޖުތައެއް ބިނާކުރެވޭނީއެކަކު އަނެކަކަށް އަޅާލައި ގުޅިގެން މަސައްކަތްކޮށްގެން ކަމުގައި ފާހަގަކުރެއްވިއެވެ.

Furaavaru camp Dhihdhoo 2

މި ރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފާއި، އަޕަރ ނޯތު ޕޮލިސް ޑިވިޜަން ކޮމާންޑަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ފާއިޒާއި، ހއ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ވަޙީދާއި، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ރަޝީދުގެ އިތުރުން ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްވެރިންނާއި އެ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުން އަދި ދިއްދޫގައި ހުރި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 27 ން 29 އަށް ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ކޭމްޕްގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ޤައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް އޮޅުންފިލުވައިދީފައިވެއެވެ. އަދި އިންޓަރނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތްތައް ބުނެދީފައިވެއެވެ. އަދި އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މަޢުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައިވެއެވެ. އަދި ވަގުތަކީ އަގުހުރި އެއްޗެއްކަން ބުނެދީ އަބަދުވެސް ގަޑިން ގަޑިއަށް ކަންކަން ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

Furaavaru camp Dhihdhoo 3

މީގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން ބުނެދީ އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަން ބުނެދީފައިވެއެވެ. އަދި ގަނާކުރުމުގެ ނުރައްކަލާއި ގަނާ ކުރުމުން ލިބޭ ގެއްލުމާއި އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތުވެސް ދަރިވަރުންނަށް ދީފައިވެއެވެ. އަދި ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމާއި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންގެ ކިބައިގައި ޤައުމީ ލޯބި އިތުރުކުރުމާއި ޤައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަކާދަތަކަށް އަހުލުވެރިކުރުވައި، ޤާނޫނާއި ޤަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން އެ ސްކޫލްގެ ބެލެނިވެރިންނަށްވެސް މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ދިއްދޫ ޕޮލިސް އަދި ހއ. އަތޮޅު މަދަރުސާ ގުޅިގެން ކުރިއަށް ގެންދިޔަ މި ކޭމްޕްގައި 98 ދަރިވަރުން ބައިވެރިވެ ކޭމްޕް ފުރިހަމަ ކޮށްފައިވެއެވެ.