ވެރިކަން ލިބުމުން އެމްޑީޕީން ތިބެނީ ފިނިކޮޓަރީގައި ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގަތީ ރައްޔިތުންގެ ގާތަށް ކަމަށް ކެލާ ދާއިރާގެ މެންބަރު ޢަބުދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު 2026 ގައި ސަރުކާރު ހިންގާ ޕީއެންސީއަށް ހއ. ފިއްލަދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެރޭ މާލޭގައި ހުންނަ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، ސަރުކާރަށް މިހާ ބޮޑު ތާއީދެއް ލިބުނު މައިގަނޑު ސަބަބަކީ ރައީސް މުޢިއްޒު ރައްޔިތުންނާ ބާއްވަވާ ގާތްގުޅުން ކަމަށެވެ.

"ބައެއް ބޭފުޅުން އެބަ ސުވާލުކުރޭ އަޅުގަނޑުމެން މިތިބީ ކިހާހިސާބެއްގައިތޯ؟ ބައެއް ފަހަރު އަޅުގަނޑަށް ހީވޭ ބައެއް ބޭފުޅުންނަށް އަޅުގަނޑުމެން ތިބި ހިސާބު ނޭނގޭހެން، އަޅުގަނޑުދަންނަވާނީ އަޅުގަނޑުމެން މިތިބީ ގަދަކޮށޭ، އިންތިޚާބުގައި އަޅުގަނޑުމެންނަށް ލިބުނީ އާދަޔާ ޚިލާފް ކާމިޔާބީއެކޭ،،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ތާރީޚުގައި މިހާތަނަށް އައިއިރު، ވެރިކަން ހިންގާ ޕާޓީއަކަށް ލޯކަލް ކައުންސިލްތަކުގެ މިފަދަ ބޮޑު މެޖޯރިޓީއެއް ރައްޔިތުން ދީފައިނުވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ރަށްރަށަށް ދަތުރުކުރި ނަމަވެސް، އެ ބޭފުޅުންގެ އަމާޒެއް ނުވަތަ ހިފާފައިވާ މިސްރާބެއް ރައްޔިތުންނަށް ސާފުނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިފަހަރު އަޅުގަނޑުމެން މި ނިންމާލީ ފުރިހަމަ ތާއީދާއެކުގައި އެކުގައި ކޮބައިތޯ ސަބަބަކީ، މިއަދު ވެސް އަޅުގަނޑަށް ފެންނަނީ އަޅުގަނޑުމެންގެ ވާދަވެރި ބޭފުޅުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަމުން އެބަދޭ، އެހެންނަމަވެސް ރައްޔިތުންނަކަށް މިބޭފުޅުންގެ އަމާޒެއް، ހިފާފައިވާ މިސްރާބެއް ސާފެއްނުވޭ، ސާފެއްނުވިއޭ އިނގޭތޯ މިއަދު އަޅުގަނޑުމެން ސަރުކާރުގައި ތިބެގެން މިވަރު ބޮޑު ޢަދަދެއް ލިބުނު ސަބަބަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިސްރާބު ވަރަށް ސާފު، މިއީ ވަރަށް ސާފުކަމެއް،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި ފެނިގެންދިޔައީ ވެރިކަން ލިބުމާއެކު ރައްޔިތުން މަތިން ހަނދާންނެތި، ފިނިކޮޓަރިތަކުގައި ތިބި މަންޒަރެވެ. ނަމަވެސް މި ސަރުކާރުން އިސްކަންދެނީ ރައްޔިތުންގެ އަޑު ގާތުން އެހުމަށް ކަމަށާއި، ނިމިދިޔަ އިންތިޚާބުން ފެނިގެންދިޔައީ ރައްޔިތުން އެކަން ބަލައިގަތް މިންވަރު ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ނިމިދިޔަ އިންތިޚާބުގައި ޝަރީފްގެ ދާއިރާގައި ހިމެނޭ ފިއްލަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ ހުރިހާ ގޮނޑިއެއް ވެސް މިފަހަރު ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.