ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅަން އެ ޕާޓީން މިއަދު ބޭއްވި ޕްރައިމަރީގައި ކުރި ހޯދައި، އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ޓިކެޓް ކަށަވަރުކޮށްފިއެވެ.
މިއަދު ބޭއްވި ޕްރައިމަރީގައި ވާދަކުރެއްވީ ސިނާން އާއި ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.
މިއަދުގެ ޕްރައިމަރީގައި ސިނާނަށް 226 ވޯޓު ލިބިފައިވާއިރު، އޭނާ އާއި ވާދަކުރި ސައީދަށް ލިބުނީ 187 ވޯޓެވެ.
ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ، އޭނާ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓު ހުކުމާ އެއްގޮތަށް ނުދެއްކާކަމަށް ބުނެ ޣާލިބް ސަލީމް ކިޔާ މީހަކު ހުށަހެޅި މައްސަލައެއް ބެއްލެވުމަށްފަހުއެވެ. އެ މައްސަލައިގެ ހުކުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވެފައި ވަނީ، ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމުމަށް ދަށު ކޯޓުން ކުރި ހުކުމާ އެއްގޮތަށް ސިނާން އަމަލުކޮށްފައި ނުވާކަން ސާބިތުވާ ކަމަށެވެ. ހުކުމް ކުރިކަން ނޭނގޭ ކަމަށް ސިނާންގެ ފަރާތުން ބުންޏަސް، އެކަން ދުރާލާ އަންގާފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.
މި ގޮނޑި ހުސްވުމާ ގުޅިގެން ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަން މިހާތަނަށް ތިން ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ އަބްދުﷲ ސޯދިގު (ސޯބެ) އާއި، އަހުމަދު ސައީދު (ނަޔާ) އަދި މުހައްމަދު އަލީއެވެ. ނަމަވެސް ސައީދާއި މުހައްމަދު އަލީ ވާދަކުރައްވާނެ ޕާޓީއެއް ނުވަތަ ހައިސިއްޔަތެއް އަދި ހާމައެއްނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!