އޭޕްރިލް 20 ވަނަ ދުވަހު ތެލެސީމިއާ ކުދިންގެ ގަޔަށް އަޅާފައިވާ ލެޔަކީ ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިވާ ލޭ ނޫންކަން ސިއްހީ ގޮތުން ބަލާއިރު ޔަގީން ކުރެވޭކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމް.ބީ.އެސް) އިން ރޭ ބުނެފިއެވެ.
މިދިޔަ ހޯމަ ދުވަހު ތެލެސީމިއާ ސެންޓަރުގައި ތިން މީހެއްގެ ގަޔަށް ލޭ އެޅުމުގައި ދިމާވި މި ހާދިސާއާ ގުޅިގެން އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، ލޭ ރައްކާކުރާ ދެ ނަމްބަރު އައިސް އަލަމާރިއަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން އެނގުނީ އޭޕްރިލް 19 ވަނަ ދުވަހުގެ ރޭ 22:11 ހާއިރު ކަމަށެވެ. އެކަން ފާހަގަވީ ފްރީޒަރުގެ ޓެމްޕަރޭޗާ މޮނީޓާ ކުރާ އެލާޓް ސިސްޓަމުން މެސެޖުތަކެއް ލިބެން ފެށުމުންނެވެ.
އެލާޓް ލިބުމާއެކު، ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ތިން މުވައްޒަފަކު ހާޒިރުވެ، ސްޓޭންޑްބައި ފްރީޒަރަކަށް ޖުމުލަ 12 ލޭ ޕެކެޓް ބަދަލުކުރި ކަމަށް ބްލަޑް ސާވިސަސް އިން ބުންޏެވެ. ނަމަވެސް، ފްރީޒަރުގެ ޓެމްޕަރޭޗަރު ހުންނަންޖެހޭ 2-6 ޑިގްރީގެ ބަދަލުގައި 11 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާކަން ފާހަގަވި ކަމަށާއި، އެ ފިނިހޫނުމިނުގައި ހުރީ ކިހާ އިރެއް ވަންދެންކަން ސިސްޓަމުން ސާފުނުވާ ކަމަށްވެސް އެ އިދާރާ އިން ބުންޏެވެ.
"ފްރީޒަރަށް މައްސަލައެއް ދިމާވާ ހާލަތެއްގައި 10 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ނުވާ ގޮތަށް ޖުމުލަ ހަތަރު ގަޑިއިރު ވަންދެން ރައްކާތެރިކަމާ އެކު، ފްރީޒަރުގައި ލޭގެ ޕެކެޓުތައް ބެހެއްޓޭނެކަން ސިއްހީ މިންގަނޑުން އެނގެން އޮވޭ،" ބްލަޑް ސާވިސްގެ ބަޔާނުގައިވެއެވެ.
އެހެންކަމުން، މުވައްޒަފުން ހާޒިރުވި ވަގުތަށާއި ލޮގްތަކަށް ބަލާއިރު އެއީ ކުނިވެފައިވާ ލޭ ނޫންކަމުގެ ޔަގީންކަން އޮތް ނަމަވެސް، އާންމުކޮށް އެފަދަ ލޭ ބޭނުންނުކުރަނީ ކޮލިޓީ އެންމެ މަތީ ފެންވަރުގައި ހިފެހެއްޓުމަށް ކަމަށް އެ އިދާރާ އިން ބުންޏެވެ.
— Maldivian Blood Services (@MBS_mv) April 24, 2026
މި ހާދިސާގައި ލޭ އެޅުނު ތިން މީހުންގެ ތެރެއިން އެކެއްގެ އާއިލާއާ މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް އިން ބައްދަލުކޮށް، ކަންބޮޑުވުންތައް އަޑުއަހައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. ނަމަވެސް، ލޭ އެޅުނު މީހުންނަށް އެކަން އެންގުމުގައި ލަސްތަކެއް ވެފައިވާކަން ގަބޫލުކޮށް، ބްލަޑް ސާވިސް އިން ވަނީ ތެލެސީމިއާ ކުދިންގެ ޓެލެގްރާމް ގުރޫޕުގައި މާފަށް އެދިފައެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް މިހާރު ވަނީ ހާއްސަ ޓީމެއް އެކުލަވާލާފައެވެ. އަދި މިކަމުގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ މުވައްޒަފަކު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ ސަސްޕެންޑު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!