ހދ. ފިނޭ، ވައިކަރަދޫ އަދި މަކުނުދޫގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތައް ކައުންސިލްތަކާއި މިއަދު ހަވާލުކޮށްފިއެވެ.
އެރަށްތަކުގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތައް ކައުންސިލްތަކާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ކޮންމެ ރަށެއްގެވެސް ކައުންސިލް މެމްބަރެކެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ޕްރޮޖެކްތައް ލާމަރުކަޒީކޮށް ކައުންސިލްތަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު pic.twitter.com/sIBQrGftlp
— Ministry of Health (@MoHmv) March 1, 2020
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހދ. ފިނޭ ސިއްޚީ މަރުކަޒުގެ ވަށާފާރު ރޭނުމުގެ ޕްރޮޖެކްޓް ފިނޭ ކައުންސިލުން ކުރިއަށް ގެންދިއުމަށް، ފިނޭ ކައުންސިލާއި ވަނީ ހަވާލުކޮށްފައިއެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހދ. ވައިކަރަދޫ އަދި މަކުނުދޫ ކައުންސިލާ ހަވާލު ކުރެވުނީ އެދެރަށުގެ ސިއްޚީ މަރުކަޒު އެކްސްޓެންޝަން ޕްރޮޖެކްޓް އެ ދެރަށުގެ ކައުންސިލްތަކުން ކުރިއަށް ގެންދިއުމަށެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި މި ޕްރޮޖެކްޓުތައް ކައުންސިލްތަކާ ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގައި ބުނެފައިވާ ގޮތުގައި ފަސް މިލިއަނަށް ވުރެ މަދުން ހޭދަ ކުރާ ޕްރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލު ކުރަން ޖެހެއެވެ.
މިއަދު ހެލްތު މިނިސްޓްރީން ކައުންސިލްތަކާއި ހަވާލު ކުރި 20 ޕްރޮޖެކްޓުގެ ތެރެއިން 18 ޕްރޮޖެކްޓަކީ މުޅިން އަލަށް ފެށުމަށް ނިންމާފައިވާ ޕްރޮޖެކްޓުތަކެއް ކަމަށްވާއިރު މިއަދު ހަވާލުކުރި 20 ޕްރޮޖެކްޓަކީ 48 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްކަމަށް ހެލްތު މިނިސްޓްރީންވަނީ ހާމަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!