އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ތަރައްޤީގައި އަންހެން ކުދިން ޝާމިލުވުމަކީ މުޖުތަމަޢުގެ ހަމަހަމަކަމަށްޓަކައިވެސް މުހިއްމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "އިންޓަރނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ" ގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
މި އަހަރުގެ ޝިޢާރުކަމުގައިވާ "އޭއައި ފޯރ ޑިވެލޮޕްމަންޓް: ގާރލްސް ޝޭޕިންގ ދަ ޑިޖިޓަލް ފިއުޗަރ" ގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އޭއައިގެ ތަރައްޤީގައި އަންހެން ކުދިން ބައިވެރިވުމަކީ މިންތީގެ ފަރަގު ކުޑަކޮށް، ކުރިއަރަމުންދާ ޑިޖިޓަލް ތަރައްޤީގައި ހަމަހަމަ ކަމާއެކު އެންމެންނަށް ފުރުސަތު ކަށަވަރުވެގެންދާނެ ކަމެއް ކަމަށެވެ. އަދި ސަރުކާރު ހިންގުމާއި، ތަޢުލީމާއި ޞިއްޙީ ދާއިރާ ހަރުދަނާކުރުމުގައި އޭއައި މުހިއްމު ރޯލެއް އަދާކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް 2.0: އަންހެނުން ބާރުވެރިކުރުވުން
ސަރުކާރުގެ "މޯލްޑިވްސް 2.0" އިސްނެގުމުގެ ދަށުން، ރޮބޮޓިކްސް، އޭއައި، އަދި ކޮމްޕިއުޓަރ ޕްރޮގްރާމިން ފަދަ ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންހެން ކުދިންނަކީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ވުމުގެ ބަދަލުގައި، އެ ދާއިރާގައި އުފެއްދުންތެރި އަދި ބަސްކިޔޭފަދަ ބާރުވެރި ބަޔަކަށް ވާންޖެހެއެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭއައިގެ ދާއިރާގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. އަދި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެއަށް އަންނަ ބަދަލުތަކުގައި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިވެފައިވާ ދުނިޔެއެއް ދެކެވަޑައިގަތުމަކީ އުއްމީދެއް ކަމުގައި ވިދާޅުވިއެވެ.
މެޑަމް ސާޖިދާގެ މެސެޖު
މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ވަނީ އަންހެން ކުދިންނަށް ހިތްވަރު ދެއްވާފައެވެ. އެކަމަނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި، އައިސީޓީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން ފަނޑު ދާއިރާތަކުން ކުރިއަށް ދިއުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ގޮވާލެއްވިއެވެ. "އައިސީޓީ ދާއިރާގެ ކުރިމަގު ބިނާ ކުރަންވާނީ، އެންމެންގެ ހިއްސާ ހަމަހަމަވާ ފަދަ ގޮތަކަށް،" އެކަމަނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!