ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާކަން އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެސްޓީއޯގެ ވެބްސައިޓް މެދުވެރިކޮށް އާއްމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓްގައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ތެޔޮ ވިއްކި މިންވަރު ވަނީ 27 އިންސައްތަ އިތުރުވެފައެވެ.
މި މުއްދަތުގައި ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، ކުންފުނީގެ ވިޔަފާރިތައް ކުރިއަރަމުން ދިއުމުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ.
މާލީ ރިޕޯޓްތައް ދައްކާގޮތުން، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް މި ކުއާޓަރުގައި 276 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީގެ ކުއާޓާއާ އަޅާބަލާއިރު 13 އިންސައްތައިގެ އިތުރުވުމެކެވެ. އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވިއްކުނު ތެލުގެ މިންވަރު 18 މިލިއަން ލީޓަރަށް އިތުރުވުން ހިމެނެއެވެ.
ކުންފުނީގެ ހިންގުމުގެ ފައިދާ 14 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ގޮތުން ކުރަންޖެހޭ ހަރަދުތައް ނުވަތަ ފައިނޭންސް ކުރުމުގެ ހަރަދުތައް ކުޑަކުރެވިފައިވާކަންވެސް ރިޕޯޓުން ހާމަވެއެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ 19 ސެޕްޓެމްބަރު 2024 ގައި ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!