ކުރިން އިޢުލާންކުރައްވާފައިވާ އިޞްލާޙުތަކާއި ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ފިޔަވައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުންފުޅެއް މިވަގުތު ސަރުކާރުން ނުގެންގުޅުއްވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކުރިން އެމަނިކުފާނު އިޢުލާންކުރެއްވި އިޞްލާޙީ އެޖެންޑާގައި ހިމެނޭ ކަންކަން އެގޮތުގައި ކުރިއަށްގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ. މީގެ ބޭނުމަކީ ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ކަންކަން ބައްޓަންކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
rt

ސަރުކާރުން ގެންނަން ނިންމާފައިވާ މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އާބާދީއާ އެކު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުން ކޮންޓްރޯލްކުރުން ހިމެނެއެވެ. މީގެ އިތުރުން، މަޖިލީހުގައި އަންހެނުންނާއި ޒުވާނުންގެ ޙިއްޞާ އިތުރުކުރުމަށްޓަކައި ޚާއްޞަ ކޯޓާ ކަނޑައެޅުމާއި، ޝަރުޢީ ނިޒާމުގެ މުސްތަޤިއްލުކަން ކަށަވަރުކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގެ ތަފްޞީލު ދެއްވަމުން ރައީސް ވިދާޅުވީ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) ގެ ދަށުގައި މިހާރު އޮތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) ގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ. އެގޮތުން ޖުޑީޝަލް ކައުންސިލް އަލުން އުފައްދައި، ޑީ.ޖޭ.އޭ އަކީ އުއްތަމަފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ހެއްދެވުމަށް ވަނީ ނިންމަވާފައެވެ.

"މިހާރު އޮތް ނިޒާމުގެ ތެރެއިން ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުންނަށްވުރެ އެޑްމިނިސްޓްރޭޓަރުންގެ ބާރު ގަދަވުމަކީ ޖުޑީޝަރީގެ ހިންގުމަށް ނުރަނގަޅު އަސަރުކުރާ ކަމެއް،" ރައީސް ވިދާޅުވިއެވެ.

މި ނުރަނގަޅު އާދަތައް ނައްތާލައި، ފަނޑިޔާރުގޭގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް އެއްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މިއީ ރައްޔިތުންގެ އިތުބާރު ޝަރުޢީ ދާއިރާއަށް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.