ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުން މުއާޒް ހަލީމް މިއަދު އިސްތިއުފާދެއްވައިފިއެވެ.

މުއާޒް މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ހާސިލްކުރެވޭ ޕާޓީއަކަށް ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދިނުމަށް ބޭނުންވާ ކަމަށެވެ.

Ad
rt

ޕީއެންސީގެ އެސްޖީގެ މަގާމަށް މުއާޒް ހަމަޖައްސައިފި

މަގާމުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން މުއާޒް އިތުރަށް ވިދާޅުވީ، ޕާޓީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، މިއަދުން ފެށިގެން އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ދިފާއީ ވުޒާރާގެ ސްޓޭޓް ވަޒީރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ މުއާޒް ޕީއެންސީގެ އެސްޖީއަކަށް ހަމަޖެއްސީ 13 ޖެނުއަރީ 2025 ގައެވެ.

މުއާޒް ޕީއެންސީގެ އެސްޖީއަކަށް ހަމަޖެއްސުމާއި ހަމައަށް އެޕާޓީގެ އެސްޖީ އަކަށް ހުންނެވީ ޒީނާޒް އަދުނާން އެވެ. ޒީނާޒް އެމަގާމަށް ހަމަޖެއްސީ 24 މެއި 2024 ގައެވެ.