ޕޮލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ކޮންރަޑް ބާކޮވިޗް، މެދުއިރުމަތީގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ އަމަލުތަކަށް ފާޑުކިޔުމުގެ ސަބަބުން އޭނާއާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންދާކަމަށް ވިދާޅުވެއްޖެއެވެ. މި ހާދިސާ ހޫނުވެފައިވަނީ މަޖިލީހުގެ ތެރޭގައި އޭނާ ދެއްކެވި ހަރުކަށި ވާހަކަތަކަކާއި، އިޒްރޭލުގެ ދިދައަށް ބަދަލު ގެނެސްގެން ދެއްކެވި އަމަލަކާ ގުޅިގެންނެވެ.
ޕޮލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ (ސެޖްމް) ތިރީގޭގައި ދާދިފަހުން ބޭއްވި ބައްދަލުވުމެއްގައި، ކޮންރަޑް ބާކޮވިޗް ވަނީ އިޒްރޭލުގެ ދިދައިގައި ހުންނަ 'ސްޓާ އޮފް ޑޭވިޑް' ގެ ބަދަލުގައި ނާޒީންގެ 'ސްވަސްޓިކާ' ނިޝާން ޖަހާފައިވާ ދިދައެއް ދައްކާލާފައެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް ވްލޮޑްޒިމިއާޒް ޗާޒާސްޓީ ވަނީ ބާކޮވިޗްއަށް މާލީ އަދަބު ދީފައެވެ. މީގެ އިތުރުން، މަޖިލީހުގެ ޤަވާއިދާ ޚިލާފުވެ ބޭރުގެ ގައުމެއްގެ ދިދައަށް ކުޑައިމީސްކުރި ކަމަށް ބުނެ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ވެސް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިޔަވަޅުތަކާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ބާކޮވިޗް ވިދާޅުވީ، އޭނާ ކުރި ކަމަކީ އޭނާގެ ޒިންމާއެއް ކަމަށާއި، މި ފިއްތުންތަކަށް ބިރު ނުގަންނަ ކަމަށެވެ. "މިކަމާ އަޅުގަނޑު ބިރެއް ނުގަނޭ، އަދި މިއިން ރެކިގަންނާކަށް ވެސް ނޫޅެން. އަޅުގަނޑު އަޅުގަނޑުގެ ދިފާއުގައި މަސައްކަތް ކުރާނަން. ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކުރާ އެއްވެސް ފިއްތުމަކުން އަޅުގަނޑުގެ އަނގައެއް ބަންދެއް ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން ބާކޮވިޗް ވަނީ އިޒްރޭލުން ގާޒާގައި ހިންގަމުންދާ އަމަލުތައް ނަސްލު ނައްތާލުމުގެ އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ އިތުރަށް ވިދާޅުވީ، އިޒްރޭލަކީ އަނިޔާ ލިބޭ ބަޔަކު ކަމަށް ބަލައިގެން ތިބުން ހުއްޓާލަން ޖެހޭ ކަމަށާއި، އެއީ ގާޒާގައި ކުށެއް ނެތް ކުޑަކުދިންނާއި އަންހެނުން އަދި ފިރިހެނުން މަރަމުންދާ ބައެއް ކަމަށެވެ. މި މައްސަލައާ ގުޅިގެން ޕޮލެންޑުން އިޒްރޭލާއެކު އޮންނަ ގުޅުންތައް ކަނޑާލުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!