ށ. ފޭދޫގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދީ، ކަރާމާތަށް އުނިކަން އަންނަ ފަދަ އަމަލުތަކެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނީ، އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ މި ރަށުގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް 17 އޭޕްރީލް 2026 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 13:10 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާއަށް ލިބިފައިވާ ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކުގެ ސީރިއަސްކަމަށް ބަލައި، އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަނީ އިސްކަންދީފައެވެ. އަދި މިކަމާ ގުޅިގެން ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައަކީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ އަދި އިންސާނިއްޔަތާ ޚިލާފު އަމަލުތަކެއް ހިމެނޭ މައްސަލައަކަށްވާތީ، ފުލުހުން ދަނީ މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. ނަމަވެސް، ކުޑަކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި ހާދިސާ އާއި ގުޅިގެން ށ. ފޭދޫން ''ތިލަދުން'' އާއި ވާހަކަދެއްކި މީހަކު ބުނީ އެރަށުގައި އެފަދަކަމެއް ހިނގައިގެން ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން އެރަށުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި އެކަން ހިނގީ ހުކުރު ވަގުތުކަމަށް ވެސް އޭނާ ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!