އުތީމު އާދަމްބޭގެ ގަލަމުން: އުތީމު ބޮޑު މައުލޫދު

ދިއްދޫ މީހުން އުތީމްއަށްބޮޑު މާލޫދަށް ކޭން ހިފައިގެން ދަނީ: ފޮޓޯ ތިލަދުންއާއި ހިއްސާ ކުރީ ނައްޝާމް ނަސީރު
ދިއްދޫ މީހުން އުތީމްއަށްބޮޑު މާލޫދަށް ކޭން ހިފައިގެން ދަނީ: ފޮޓޯ ތިލަދުންއާއި ހިއްސާ ކުރީ ނައްޝާމް ނަސީރު

އުތީމު އާދަމް ޢަބްދުއްރަޙްމާން

އުތީމު އާދަމް ޢަބްދުއްރަޙްމާން

އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ) އަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ޚާއްސަގޮތެއްގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ތަފާތު ޚިޔާލުފުޅުތަކެއް އެކުލެވޭ މުއްސަނދި ބަސްކޮށާރަކާއެކު ފަށުވި ޅެންތަކެއް ހައްދަވާފައިވާ ޅެންވެރިއެކެވެ. ދިވެހިބަހާއި ދިވެހިއާދަކާދައިގެ މަޢުލޫމާތުގެ މައްޗަށް އެކުލެވޭ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ހުނަރުވެރި ލިޔުންތެރިއެކެވެ. އެހުންތެރިންގެ ޝައުޤުވެރިކަން ހޯއްދަވައިގެން ވާހަކަފުޅުދައްކަވާ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އުތީމު އާދަމްބެ ހައްދަވާފައިވާ ގިނަ ޅެންތަކުގެތެރެއިން ދެ ޅެންފޮތެއް މިހާތަނަށް ވަނީ، ޝާއިޢުކުރެވިފައެވެ. އެއީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2001 ވަނަ އަހަރު ޝާއިޢުކުރެއްވި [ޅެމުގެ މަންސަފާ] އާއި ނޮވެލްޓީން 2008 ވަނަ އަހަރު ޝާއިޢުކުރެއްވި [ޅެންމޮހޮރީ] އެވެ. މީގެ އިތުރުން އާދަމް ޢަބްދުއްރަޙްމާންވަނީ، [ދިވެހި ދިރިއުޅުމުގެތެރެއިން….] ގެ ނަމުގައި ދިވެހީންގެ އާދަކާދައާ ބެހޭ މުހިންމު ފޮތެއް ނެރުއްވައިފައެވެ. އުތީމު އާދަމްބެގެ އަދަބީ ޚިދުމަތުގެ ސަބަބުން، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޅެންހެދުމުގެ ރޮނގުން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު 2004 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. އަދި 2016 ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީން ދެއްވި [ޝުކުރާއި ތަޢުރީފުގެ ބަސް] (އެވޯޑު) ވެސް ލިބިވަޑައިގެންފައިވެއެވެ.

އުތީމު ބޮޑުމައުލޫދަކީ ރާއްޖެތެރޭގެ އެހެން ރަށްރަށެކޭވެސް އެއްފަދައިން އަހަރަކު އެއްފަހަރުކިޔާ މައުލޫދެކެވެ. ޢާންމު ގޮތެއްގައި މައުލޫދުކިޔުމުގެ ކަންތައްތައް ހުންނަނީ އެހެނިހެން ރަށް ރަށެކޭވެސް ދާދިއެއްގޮތަކަށެވެ. ނަމަވެސް ބައެއް ޚާއްޞަ ކަންތައްތައްވެސް ހުރެއެވެ. މިފަދަ ގިނަކަންތައްތަކާ ގަނޑުވަރާގުޅުމެއް ހުރިކަމަށް ދަންނަވަންޖެހެއެވެ.

އެހެންވީމާ މިދެބައި ވަކިކޮށްނުލާ އުތީމު ބޮޑުމައުލޫދުގެ ކަންތައްތައް މީގެ ސާޅީހަކަށް އަހަރުގެ ކުރިންފެށިގެން އޮންނަގޮތް ދަންނަވާލާނަމެވެ. ތިޔައިން ކޮންމެ ބޭފުޅަކު އެއްވެސް ރަށަކުން ދެކެވަޑައިގެންފައިވާ ގޮތަށް އޮތްކަމެއްނަމަ އެއީ ޢާންމުކަމެއްކަމަށް ބެއްލެވިދާނެއެވެ. އެނޫންކަންތައްއެއީ އާކަމެއް ކަމަށްވިޔަސް އެއީއުތީމުގައިއޮންނަގޮތްކަމަށް ބައްލަވާނީއެވެ. އުތީމުގައި ވެސް މީގެތެރެއިން ބައެއްކަންތައްތައް މިހާރު ވަނީ ބަދަލުވެފައެވެ.

މައުލޫދަށް ތައްޔާރުވުން

މައުލޫދުކިޔުމަށް ދެދުވަސްވަރެއް ބަލައެވެ. އެއްދުވަސްވަރަކީ އިރުވައިގެ ދޮށިބާއްވާ (އިރުވައިގެ މަސްވެރިކަން ދެރަވެ މަހަށް ދިޔުން މެދުކަނޑާލާ) ދުވަސްވަރެވެ. އަނެއްދުވަސް ވަރަކީ ރަމަޟާންމަހަށް ފެށުމުގެކުރިން އެމަހާ ކައިރިދުވަސްވަރެކެވެ. މި ދެދުވަސްވަރުގެ ތެރެއިން ދުވަސްވަރެއް ކަނޑައެޅުމުގައި ދެންބަލާ އަނެއްކަމަކީ ވިއްސާރަ މޫސުމާ ދިމާ ނުވާގޮތް ވޭތޯބެލުމެވެ. ބައެއްފަހަރަށް ހަނދުމަހުގެ މެދުތެރެއާ ދިމާކުރަންވެސް ބާރުއަޅައެވެ.

އެއީ އެދުވަސްވަރު ކަރަންޓް ނުހުންނާތީ ހަނދުވަރުގެ އަލިކަން މުޅި ރަށް ތެރެއަށް ލިބުމުގެ ފަސޭހަކަމާ ހިތްހަމަޖެހުން ހޯދުމަށެވެ. މިގޮތަށް ދުވަސްވަރެއް ކަނޑައަޅާނީ ރައްޔިތުންނާ މަޝްވަރާކޮށްގެން ވެރިންގެ ފަރާތުންނެވެ. ދުވަސްވަރު ކަނޑައެޅުމަށްފަހު ދެން ފެށޭނީ މައުލޫދަށް މާލެދިޔުމުގެ ދަތުރެވެ. މިދަތުރު ތައްޔާރުކުރާނީ ރައްޔިތުން ކުރާ އެއްމެދު (އެންމެން ބައިވެރިވެގެން މަސައްކަތްކޮށް ލިބޭ އެއްޗެއް ހަމަޔަށް ބަހާލާ) މަސައްކަތެއް ކޮށްގެންނެވެ.

ފަތްރޮދުލުން ، ދަރުކޮށުން، އުވަދެވުން ފަދަ މަސައްކަތްތައް މީގޮތުންކޮށް އުޅެއެވެ. ކުރާ މަސައްކަތެއް ހިފައިގެން މާލެގޮސް އެތަކެތި ވިއްކައިގެން ލިބޭ ފައިސާއަށް ގަންނާނީ އާންމުކޮށް، އެންމެންވެސް މައުލޫދަށް ބޭނުންވާނެ ތަކެއްޗެވެ. އެއީ ހަވާދު ، ފޯއް، ދުންފަތް، ފިނިފެން ފަދަ ތަކެއްޗެވެ. މިގޮތުން ބަހާތަކެތީގެ ގޮތުގައި އެއަހަރަކު ގެންނާނެތަކެތި ރައްޔިތުންނަށް ކުރީން އެނގޭނެއެވެ. އެނޫންތަކެތި އަމިއްލައަށް ހޯދާނެއެވެ. މިހާރު މި އެއްމެދު މަސައްކަތެއް
ނުކުރެއެވެ.

މައުލޫދަށް މާލެގޮސް އައުމާއެކު ނުވަތަ މާލެ ގޮސްލާނަމަވެސް ރަށުގެ ކަންވެރިކަން ބަލަހައްޓާ މީހަކު ހަރުގެ މުޑިޖަހާނެއެވެ.މުޑިޖެހުމަކީ މައުލޫދު ކިޔަން ނުވަތަ ކޭން ކާން އަޅާ ހަރުގެ އެޅުމަށް އިރުވަރު މުޑިޖެހުމެވެ.ރަނގަޅު ގޮތުގައި މުޑިޖެހިއްޖެނަމަ މައުލޫދަށް ކަންފަހިވެ މަސްވެރިކަމެއްވެސް އަންނަކަމަށް އިޢުތިޤާދު ކުރެއެވެ. މިހަރުގެ އަޅާނީ މައުލޫދުގައި ބައިވެރިވާ ގޮތެއްގެމަތިން ކޭމަކުން ވަކިވަރަކަށް ރޯނު، ފަންގެ ފަދަ ތަކެތި ނަގައިގެންނެވެ.

ހަރުގެ އަޅާނީ ގަނޑުވަރުގެ ސަރަޙައްދުގައި ގަނޑުވަރު އަދި ގެއާ ވަރަށް ކައިރީގައެވެ. އަބަދުވެސް އުތީމުގައި މައުލޫދު ކިޔަނީ ގަނޑުވަރު އަށިގޭގައެވެ. އަލަށް އަޅާހަރުގެއަކީ ކޭންކާ ހަރުގެއެވެ. މިހަރުގެއަށް ކިޔާނީ ބަތްހަރުގެއެވެ. ހަރުގެއެޅުމުގެ އިތުރަށް މަގުމިސްކިތްދޮށް ނޮޅައި ނެރުގަސް ޖަހައި، ރަށުތެރޭގެ މަގުމަގުން ގަސްގޮފީ ކޮށައި، ގޮނޑުތައް ނަގައި ސާފުކޮށް ރީތިކުރާނެއެވެ. ރަސްމީގޮތުން މިތައްޔާރުތައް ވަމުން ދާއިރު އަމިއްލަގޮތުން މީސްމީހުންގެ ގޭގޭގައި ފުނޑާކުޑަގެއަކާއި ރަށުން ބޭރުން ގެންނަ މީހުން ނިދާނެ ތަނަކާ އަދި ބައެއްމީހުން ކޭން އަޅާ ކޭންހަދާނެ ގެއެއްވެސް ތައްޔާރު ކުރެއެވެ. ގޯތިގެދޮރު ސާފުކޮށް ދޮންވެލިލާ ޒީނަތްތެރިކުރެއެވެ. އާ ހެދުން ހޯދާ ވާހަކަނުދެންނެވީ އެކަންކުރާނެކަން އެނގިވަޑައިގެންފައި އޮންނާނެކަމަށެވެ. އާދެ! ޚާއްސަކޮށް އަންހެނުންއެކަން ހަނދާން ނައްތާނުލާނެކަން ގަބޫލުފުޅު ކުރައްވާނެކަމަށް ވިސްނަވާފައެވެ.

ކޮންމެއަކަސް މައުލޫދަށް ތައްޔާރުވެ މުޅިން ނިމުނު ކަމަށް ބެލެވޭނީ އަތޮޅުތެރޭ ރަށް ރަށުން ގެންނަ ކާށި، ކެޔޮ ، ބިލެއް ،ރޯމިރުސް ފަދަ ތަކެއްޗާއި ފުނޑާދައި ،ބޮޑު މަލާފަތް ފަދަ ބޭނުން ކުރާ ތަކެތިވެސް ގެނެސް ނިމުނީމައެވެ.ތެދުތެދަށް ދަންނަވާނަމަ މިކަން ނިމޭނީ މާލޫދަށް މީހުން އަރާ ދުވަހުއެވެ.

މިހިސާބަށް ކަންތައްދާއިރު މުޅިރަށުތެރެ ޒީނަތްތެރިވެ ފަޅުފިލާވަރަށް ދެޖިންސުގެ ޒުވާނުންނާ ހަރުއުމުރުގެ މީހުން ރަށުން ބޭރުން ގެނެސް ތިބޭނެއެވެ. އެއީ ދައުވަތު ދީގެން މައުލޫދަށް އަންނަ މީހުންނެއްނޫނެވެ. މައުލޫދަށް ކެއްކުމަށާ ކޭން އުފުލައިދީ ތައްޔާރުކުރުމަށް ރަށުން ބޭރުން ގެންނަ ރައްޓެހިންނެވެ. މަލޫދުގެ ދުވަސް އައުމުގެކުރިން ރަށުތެރޭގައި ބައެއްފާޑުގެ ފޮނިކާތަކެތި ތައްޔާރުކުރުމުގެ ޖޯޝީ ޙަރަކާތްތެރިކަމެއް ހިނގަމުން ދާނެއެވެ. މެޓާ ހިލާ ތައްޔާރުކުރުމާ ތުތިމަސް، އިޑިއައްޕަން، ތަތްބޮނޑިބަތް، ވައިބޮނޑި، ބޮންޑު، ތެލުލި ހެދިކާގެ ވައްތަރުތައް ތައްޔާރުވަމުންދާނެއެވެ.

ރަށުތެރޭގައި އޮންނާނީ ފިނިފެނާ ގަރަމްމަސާލައިގެ ވަހުން އެއްވަސްވެފައެވެ. ރައްޓެހިގޭގެއަށް ވަދެލާ ރަށުތެރޭގައި ހިނގާލާ އުޅޭ އުފައުވެރި މީހުންގެ ބަނޑުން ތަސްބީޙަ ކިޔާލާވަރުވާނެއެވެ. އެއީ ރަހަބަލާލުމުގެ ގޮތުންނެވެ. މިހިސާބަށް ދާއިރު ބައެއް ގެގޭގައި ތަންކޮޅެއް އަވަހަށް ގެނެވިގެން ދޮވެފައި ހުންނަ ކެޔޮގަނޑު ގަނޑު ވެސް ހަލާކުވިޔަ ނުދީ ވޭތޯ ބަލާނެއެވެ.

މައުލޫދަށް ބިލެތް ފޮނުވުން (ދައުވަތުދިނުން)

ގުޅުން ހުންނަ ރަށްރަށާ އަވަށްޓެރި ރަށްރަށަށް މައުލޫއަށް ދަޢުވަތު ދޭނެއެވެ. މިދަޢުވަތު ދިނުމަށް ކިޔަނީ ބިލެތާ ދިޔުމެވެ. ދަޢުވަތު ޤަބޫލުކޮށްފިނަމަ ބުނާނީ ބިލަތުގައި ހިފައިފިކަމަށެވެ. މިކަންކުރާގޮތަކީ އިހުގެ މޮޅުގޮތަށް ބިލެތްހަދައި ރަށުގެ ހަރު މީހަކު އިސްކޮށް ބިެތައިގެން އެރަށަކަށް ފޮނުވަނީއެވެ. ދެން އެރަށުގެ ވެރިންނާ ބައްދަލުކުރުމުން އެރަށަކުން އެކަމަށް ބަލާ ބެލުންތަކެއް ބެލުމަށްފަހު ބިލެތުގައި ހިފަނީ އެވެ. މިހާރު ބިލެތާ ދިޔުމުގެ ބަދަލުގައި ފޮނުވަނީ ވޯކީޓޯކީން މެސެޖެކެވެ. ޖަވާބު ލިބޭނީވެސް މެސެޖަކުންނެވެ. މައުލޫއަށް ދަޢުވަތުދޭނޭ ރަށްރަށް ކަނޑައަޅާނީ ރައްޔިތުންގެ މަޝްވަރާގެ މަތިންނެވެ.

ދަޢުވަތުދެވޭ ރަށްރަށުގެ މީހުން މައުލޫދަށް އައުން

މިކަމަކީވެސް ބައެއްރަށްރަށުގެ މީހުން މަޖަލަކާއެކު ފޫހިފިލާ ކުޅިވަރެއްގެ ގޮތުގައި ކުރާ ކަމެކެވެ. މައުލޫދަށް އަންނަން ދޯނި ތައްޔަރުކޮށް ރީތި ކުރާނެއެވެ. ބައެއް ރައްރަށުގެ މިހުން ކުރުފަލިޖެހުމަށްޓަކައި ހާއްސަ ކުޑަދޯންޏެއް ތައްޔާރުކޮށް ފަލިތައް ޒީނަތްތެރިކުރާނެއެވެ. މިގޮތުން އުތީމު މައުލޫދަށް އައުމުގައި ކުރުފަލިޖަހާތީ އަޅުގަނޑުމެންނަށް ފެންނަނީ މުރައިދޫ މީހުންނެވެ.

ދިއްދޫ މީހުން އުތީމްއަށްބޮޑު މާލޫދަށް ކޭން ހިފައިގެން ދަނީ: ފޮޓޯ ތިލަދުންއާއި ހިއްސާ ކުރީ ނައްޝާމް ނަސީރު

އިންޖީނު ދޯނިފަހަރަށް ވުމުގެ ކުރިން ދަތުރުކުރަނީ ރިޔަލު ދޯނިފަހަރުގައި ކަމަށްވާތީ ވަރަށް އަވަހަށް ރަށުންފުރައިގެން ދަތުރުފަށާނެއެވެ. އޭރަކު ވޯކީޓޯކީއެއް ނުވަތަ ޚަބަރު ދެވޭނެ އެހެން ވަސީލަތެއް ނުހުރެއެވެ. އެހެންވީމާ ރަށުގެ ރައްޔިތުންގެ ފަރާތުން ވަކި ބަޔަކު އަބަދުވެސް މައުލޫދަށް އަންނަ މީހުންގެ އިންތިޒާރުގައި ގޮނޑުދޮށުގަތީ ތިބޭނެއެވެ. ދޯނިފަހަރު އަންނަކަން ޔަގީންވީމާ ވެރީންނަށް އެކަން އަންގާނެއެވެ. ދެން މެހުމާނުން ލެއްޕުމަށްޓަކައި ރައްޔިތުން އަތިރިމައްޗަށް ނުކުންނަނީއެވެ. އޮޑި ދޯނި ފަހަރު ފަޅަށް ވަނުމާއިއެކު ރަށުގެ މީހުން އެއޮޑިފަހަރަށް އަރާނެއެވެ.

މައުލޫދަށް ދުރުވި ބޭކަލެއްގެ ފައިކުރިވެސް ތެންމައިނުލާ ބޭލޭތޯ ބަލާނެއެވެ.އޮޑި އެޅުމާއި އެމީހުން ގެނައި އެއްޗެހި ދޯނިން ބެލުމަކީ ރަށުމީހުން ކޮށްދޭ ޚިދުމަތެކެވެ. ދޯނި ފަހަރުގައި އިންޖީނުއެޅިފަހުން މިކަމަށްވެސް ބައެއް ބަދަލުވަނީ އައިސްފައެވެ.

މިބަދަލުތައް އައުމުގެ ކުރީ ދުވަސްވަރުގައި ރަށުން ބޭރުން އަންނަ މީހުން ލަފާއިރު، ބޮޑެތި ރުނބާ ގައި ފަނިގިރާފައި އެއަށް ފާރޮށި ނުވަތަ ބިސްކޯދު އަޅާފައި ހުންނާނެއެވެ. އަންނަ ކޮންމެ މީހަކަށް ތަށްޓެއް ނޯންނާނެއެވެ. ރުނބައަށް ގަންބާލާފައި ފައިތަށްޓެއް ދިއްކޮށްލުމާއި އެކު ބޯލާފައި ވަރަށް އަވަހަށް ހުސްތަށި ދިއްކޮށްލާނެއެވެ. ހަމަ އަތުގައި ޖެހޭއިރަށް އަނެއް ފަހަރު ރުނބައަށް ތަށިގަންބާލާފައި އަނެއްތަށި ދިއްކޮށްލާނެއެވެ. އެކަކު ފަނި ބޮއި ނިމުނީމާ އަނެކަކަށެވެ. މިކަމަކީ އެކަކުވެސް ހިތްހަމަނުޖެހޭ އައިބު އަދި ހަޑިކަމެއްކަމަށް ދެކޭ ކަމެއް ނޫނެވެ. މިކަމުގައި އައިބު ކަމަކަށް ދިވަވާނެ ކަމަކީ ފަނީގައި ފޮނިރަހަ މަޑުވުމެވެ. ނުވަތަ ގިރާފައިހުރި ފަނި ހުސްވުމެވެ.

ވީމާ މިއިންކަމެއް ދިމާނުވެވޭތޯ ވަރަށް މަސައްކަތްކުރާނެއެވެ. ފަނި ބޮއިނިމިގެން އޮންނާނީ ފެންވަރަން ދިއުމެވެ. މެހްމާނުން ފެންވެރުމަށްޓަކައި ގޮނޑުދޮށުގައި ވަޅުތައް ހަދާފައިހުންނާނެ އެވެ. ވަޅުދޮށަށް ބޭނުންވާ ސައިބޯންޏާއި ތެލާ ފުނަލާ ލޯގަނޑުފަދަ ތަކެތި ހަމައަށް ހުންނާނެއެވެ. ތަންކޮޅެއް ކުރީ ޒަމާނުގައި ކޮންމެމީހަކު ވަކި ދަބަހެއް ފޮށްޓެއް، ބްރީފް ކޭހެއް ނުގެންނާނެއެވެ. ގެންނާނީ މުންޑު ބޮނޑިއެކެވެ. އަތިރިމަތީ ބޮޑުވަޅު ދޮށުން ފެންވަރައިގެން ގޮސް ތެތްފޮށާ ކޮންމެވެސް ގެއެއްގެ ރޯނުގައި އަޅާލާނީ އެވެ. މިތެތްފޮށާ އެޅިގެއަކުން އެމީހާ ފުރަންވީމާ ގޮނެއް ދޭނެއެވެ. އެވަރު ނުވާނެ ގެއަކު ތެތްފޮށައެއް ނަޅާނެއެވެ.

ބޮޑު މައުލޫދުގެ ކޭން
މައުލޫދު ކޭމަށް އިހުޒަމާނުގައި ގަނޑުވަރުން ހަނޑުލާ އަވެއްޔާ އަވެލިކޭމުގެ ހަކުރާއި ދޮންކޭލާ ދެއެވެ. ދެނީ 6 ނާޅި އަވެއްޔާ 3 ބާގަ ހަކުރެވެ. އެންމެ ކުރީޒަމާނުގައި ދެނީ އުއްސަކުރެވެ. ދެން މިއާވާނެ ދޮންކޭލެވެ. ދަން ހަމަކޮށް ކައްކާނަމަ 24 ނާޅިހަނޑޫ ދޭނެއެވެ. މި ތަކެތި ނުދޭތާ މިހާރު ތިރީހަކަށް އަހަރަށްވުރެވެސް ގިނަވެދާނެއެވެ.

މައުލޫދަށް ތައްޔާރުކުރާނީ 3 ބަތްކޭމާއި 1 އަވަލިކޭމެވެ. އެއީ 1.އަރާކޭން މިކެމަކީ މައުލޫދުފަށާ ކޭމެވެ. މިކޭން އޮންނާނީ ރޭގަނޑުއެވެ. މިކޭމަށް އަރާކޭމޭ ކިޔަނީ ފުރަތަމަ ހަރުގެ އަށްއަރާ (ހަރުގެއަށް ވަންނަ) ކޭން ކަމަށް ވާތީކަމަށްފެނެއެވެ. މިކޭމަށް ބައެއް އެހެން ރަށްރަށުގައި ފަށާކޭމޭވެސް ކިޔާފާނެއެވެ. 2. އަވެލިކޭން - މިކޭން އޮންނާނީ ހެނދުނުއެވެ. 3.ދަމުކޭން . މިކޭން އޮންނާނީ މެންދުރު އެވެ. (މިކޭމަށް ދަމުކޭން ކިޔުމުގައި ދެގޮތެއް ލަފާކުރެވެއެވެ. އެއްގޮތަކީ ދުވާލުގެ ހަތަރުދަން ދެބައިހަމަވާއިރު ކެވޭ ކޭމަށްވާކަމެވެ. އަނެއްގޮތަކީ، މައުލޫދު ކިޔާއިރު ދަންހަމަކޮށް ކޭން ނުކައްކާ މީސްމީހުން މިދަމަކު ކޭމެއް ނުކައްކާނެއެވެ. އެހެންވީމާ ދަންހަމަކޮށް ކައްކާ މީހުންގެ ދަންހަމަކުރާކޭން (ދަމުކޭން) ކިޔަނީކަމަށްވުމެވެ. 4. ހުއްޓާ ކޭން. މިޢީ މައުލޫދު ނިންމާ ކޭމެވެ. މިކޭން އޮންނާނި މައުލޫދު ފެށި ރޭގެ ރޭގަނޑު އެވެ.

މީގެ އިތުރަށް ތެޔޮލީކޭމާއި ފުރާކޭން ވެސް ދޭނެއެވެ. މިއީ މައުލޫދު ކޭމެއްނޫނެވެ.

ކޭން ތައްޔާރު ކުރެވިފައި ހުންނަގޮތް

1.ބަތްކޭން

މި ކޭން އަޅާފައި ހުންނާނީ ބޮޑުމަލާފަތަށެވެ. ކޭމުގައިހުންނަ ހުރިހާތަކެތި ތަފްސީލްކޮށް ލިޔަން ފަސޭހަ ވާވަރަށް ވުރެ ބާވަތްތައް އަދަދުގެގޮތުން ގިނަވާނެއެވެ. ނަމަވެސް ކޮންމެވެސްވަރެއްވޭތޯ ބަލާނަމެވެ.

  1. .ބަތް
  2. ރިހަ (މަސް، ތަރުކާރީ، ކުކުޅު އެކިވައްތަރަށް އެމީހަކަށް ހެދުނުހާ ގިނަވައްތަރަކަށް)
  3. ސަޓަނި (ބޮޑު ފިޔާ ސަޓަނި، ކިހައް، ފަތްޕިލާވެލީގެ ވައްތަރުތަކާ ބާވަތް ބާވަތުގެ ވަސް ހުންޏާއެކު)
  4. ރިހާކުރުބޮނޑި
  5. ލުނބޯހުތް
  6. ރޯމިރުސް(ގިތެޔޮމިރުސް)
  7. ބޮޑުފިޔާ
  8. ލޮނުލުނބޯ
  9. އަސާރަ
  10. ހަކުރު(ކަރުހަކުރު، ދިޔާހަކުރު)
  11. ޕާފަރު
  12. ގުޅަ
  13. ސަންބޯސާ
  14. ބަޖިޔާ ނުވަތަ މުގުކަވާބު
  15. ރޮށިގަނޑު
  16. މެޓާގަނޑު
  17. ބިސްގަނޑު
  18. މަސްފަތަފޮޅިގަނޑު
  19. ތަތްބޮނޑިބަތް
  20. ތުތިމަސް
  21. އިޑިއައްޕަން
  22. ބޮންޑު
  23. ކަނަމަދު ހަލުވާ
  24. ހަކުރުލީ ކަނަމަދު
  25. ސާގު ބޮނޑިބަތް
  26. ހަނޑުލު ބޮނޑިބަތް
  27. ހަލުއިދާ ބޮނޑިބަތް (ބައެއްފަހަރަށް މީގެއިތުރު ވައްތަރުވައްތަރުގެ ބޮނޑިބަތްވެސް ކައްކައެވެ.)
  28. ގޮދަން ފުށުގައި ހަދާފައި ހުންނަ ތެލުލިހެދިކާ (މީގެ ވެސް ވަރަށް ތަފާތު ވައްތަރު ހުރެއެވެ. މީގެތެރޭގައި ސިލުނބުފޫ، އަލަފަތުގޮށި، ކޭލުދަޅި، އުނިއޮށު ބިސްކޯދު، ކޮލުދަތްފަދަ ނަންނަން ކިޔާ ބާވަތްތައް ހިމެނެއެވެ.)
  29. ދޮންކެޔޮ
  30. ފަޅޯ
  31. އަންނާރު
  32. ކުދި ބިސްކޯދު
  33. ބޮޑު ބިސްކޯދު
  34. ފަނި( އިސްބަގުލޫ)

މބާވަތްބާވަތުގެ ތަފާތު ވައްތަރުތައް ގުނާލާއިރު ފަސްދޮޅަހަކަށް ވައްތަރު ވާނެކަމަށްލަފާކުރެވެއެވެ.

މީގެއިތުރަށް އުތީމުބޮޑު މައުލޫދު ހުއްޓާ ކޭމާއެކު ފޮޅިކޭމެއް ތައްޔާރުކުރުން މަޖުބޫރުވާނެއެވެ. މިކޭމުގައި ހުންނާނީ

  1. ފެންފޮޅި
  2. .ފޮޅިރިހަ
  3. ފުށްކިރު މިތިން ބާވަތެވެ.

2. އަވަލިކޭން
މިކޭމުގައި ހުންނާނީ

  1. އަވެލި
  2. ގަބުޅިހުނި (ކާށިހުނި،)
  3. ދޮންކެޔޮ
  4. ކަށިހަކުރު
  5. ކަރުހަކުރު ނުވަތަ ދިޔާހަކުރު
  6. ވަޅޯމަސް ނުވަތަ ހަނާކުރިމަސް
  7. ފިނިފެން
  8. ގިތެޔޮ (ފަހަކަށް އައިސް މާޖިރިން، ނުވަތަ ބަޓަރ) މިތަކެއްޗެވެ.

3. ތެޔޮލީ ކޭން

މިކޭމަކީ ރަށުންބޭރުން އަންނަމީހުން ފެންވަރާ ތެޔޮލާ ފުނާއަޅާ ނިމުމާއެކު ހަރުގެއަށް ގޮސް ކާ ކޭމެކެވެ. ބައެއްހިސާބުގަނޑުގެ މީހުން މިކޭމަށް އަރާކޭން (ރަށަށް އަރާ ކޭން)
ކިޔާކަމަށް ބުނެއެވެ. މިކޭމުގައި ހުންނާނީ ބަތާ، ރިހަޔާ، ހަކުރާ، ހަނޑުލު ބޮނޑިބަތާއި، ދޮންކޭލެވެ.

4. ފުރާކޭން

މިކޭމަކީ ރޭގަނޑު މައުލޫދު ހުއްޓާފައި އަނެއް ދުވަހު ހެނދުނު ފުރުމުގެކުރިން ވަރަށް ހެނދުނާ ކާންދޭ ކޭމެކެވެ. ވިކޭމުގައިވައްތަރުތައް މާގިނައެއް ނުވާނެއެވެ. ހުންނާނީ ބަތާ ރިހަޔާ ހަކުރެވެ. ބައެއްފަހަރު ބޮނޑިބަތް ނުވަތަ ދޮންކެޔޮ ހުރެދާނެއެވެ. ނަމަވެސް މީގެ އިތުރު އެއްޗެއް ނުހުންނާނެއެވެ.

ކޮންމެ ކޭމަކުންވެސް ކެއުމަށްފަހު ރަނގަޅު ދުފުމާ ބިޑިސުއްޓާލިބޭނެއެވެ. ބަތް ކޭމުގެ ފަހުން ހުވަނދުލުންވެސް އޮންނާނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރައްފުރިހަމަ މިލިއުން ކޮންމެވެސް ވަރަކައް ހަނދާންވެއްޖެ ވަރައް ތަފްސީލް ކޮއް ލިޔެފަ ދުވަހަކުވެސް އަޑުނާހާ ކާތަކެތި ނަން އިގިއްޖެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *