ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

މި އޮފީހަކީ ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ގާއިމުކުރެއްވި އިދާރާއެކެވެ.

Ad
rt

މިފަދަ އޮފީހެއް ގާއިމުކުރައްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީބަޔާން އިއްވަވަމުންނެވެ. މި އޮފީހުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަމާއި ބައުންޑަރީއާ ގުޅޭ ކަންކަން ހަރުދަނާ ނިޒާމެއްގެ ދަށުން ބެލެހެއްޓުމެވެ.

ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީހުން ކުރަމުންގެންދާނެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ޚިލާފުތަކާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުން ހިމެނެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައެޅުމާއި، ބައުންޑަރީ މެޕްތަކާއި އެއާ ގުޅުންހުރި އިންސްޓްރޫމެންޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަކީވެސް މި އޮފީހުގެ ޒިންމާއެކެވެ.

މި އިދާރާގެ މަސައްކަތްތައް ޢަމަލީގޮތުން ފެއްޓެވުމަށްޓަކައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތަކާއި، ބޭނުންވާ މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ގެންދަވަނީ ކުރައްވަމުންކަމަށް އެ އޮފީހުން ބުނެއެވެ.