ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދޭނެ ޚާއްޞަ އިދާރާއެއް ކަމަށްވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" މިއަދު އުފައްދަވައިފިއެވެ.

މި އޮފީހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާނެ ތަނެކެވެ. މި ބިއުރޯގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއި، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވޭނެ ނިޒާމެއް ހަރުދަނާ ކުރުމެވެ.

Ad
rt

މިފަދަ ބިއުރޯއެއް ގާއިމު ކުރައްވަން ނިންމެވިކަން ރައީސް މުޢިއްޒު އިޢުލާން ކުރެއްވީ، މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މަސައްކަތްތައް ޢަމަލީ ގޮތުން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެދުތެރޭގައެވެ. މިހާރު ކުރިއަށްދަނީ އެ ބިއުރޯގެ މަސައްކަތްތައް ފެށުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތަކާއި، ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއެވެ.

މި ބިއުރޯގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުން ހިމެނެއެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، ރައްޔިތުންނަށް ޖަވާބުދާރީވުމަކީވެސް މި ބިއުރޯގެ މުހިންމު މަސައްކަތެކެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ފަސޭހަކަމާއެކު ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއްވެސް މި ބިއުރޯގެ ދަށުން ގާއިމުކުރެވިގެންދާނެއެވެ.