ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ބޮޑު އިނާމެއްދޭ ނޮޅިވަރަމް ''ކައުންސިލް ކަޕް 2026'' އިއްޔެ ފަށައިފިއެވެ.
ނޮޅިވަރަމް ރަސްމީ ދަނޑުގައި ކުޅެވޭ މި މުބާރާތުގައި ޖުމްލަ 6 ޓީމު ބައިވެރިވެފައިވާއިރު، މި މުބާރާތް ކުރިއަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
އިއްޔެ މި މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ އާއި ނައިބު ރައީސް މުހައްމަދު ހުސައިން (ސެންޓޭ) އަދި ކައުންސިލް މެމްބަރު މުހައްމަދު މުސްތަފާއެވެ.
މުބާރާތް ހުޅުވީ ފްރައިންޑްސް ޔުނެއިޓެޑާއި ކުޑަކުދިންގެ ގުޅުން (ޓީމު ކޭޖީ)ގެ މެޗުންނެވެ. މި މެޗު 5-0 އިން ފްރެންޑްސް ޔުނައިޓެޑް ކާމިޔާބުކޮށްފައިވާއިރު ލަނޑުތައް ޖަހައިދިނީ އާލިފް ޢަލީ ރަޝީދު (2 ލަނޑު)، މުހައްމަދު މުންސިފް (2 ކަނޑު) އަދި މުހައްމަދު ޝިފާން (1 ލަނޑު) އެވެ.
ނޮޅިވަރަމް ކައުންސިލްގެ މެމްބަރު މުހައްމަދު މުސްތަފާ ''ތިލަދުން'' އަށް މިއަދު ވިދާޅުވީ، މި މުބާރާތަކީ އަތޮޅު ފެންވަރުގައި ވެސް މިހާރު ފާހަގަކޮށްލެވޭ މުބާރާތަކަށް ކައުންސިލުން ހަދާފައިވާކަމަށެވެ. މިގޮތުން މި މުބާރާތުގައި މި އަހަރު ޖުމްލަ 8 ބިދޭސީ ކުޅުންތެރިން ކުޅޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މުބާރާތުގެ ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޒަންގައި ވެސް ރެފްރީކަމާއި އޮފިޝަލްކަންކޮށްދޭ ރާއްޖޭގެ އެއް ނަންބަރު ރެފްރީންކަން އޭނާ ފާހަގަކުރެއްވިއެވެ.
އަނެއްކަމަކީ މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި، ރަނަރަޕް ޓީމަށް ކައުންސިލުން ހުށަހަޅާފައިވާ ބޮޑު އިނާމެވެ. މިގޮތުން މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 1 ލައްކަ ރުފިޔާ އަދި ރަނަރަޕް ޓީމަށް ބައި ލައްކަ ރުފިޔާ ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މުސްތަފާ ފާހަގަކުރެއްވި ގޮތުގައި މިއީ، ކައުންސިލަކަށް ބާއްވާ މުބާރާތަކަށް ހުށަހަޅާ އެންމެ ބޮޑު އެއް އިނާމެވެ.
މި މުބާރާތް ފެށުމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލްގެ ނައިބް ރައީސް ސެންޓޭ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވަނީ މި މުބާރާތުގެ ކާމިޔާބީގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
''މި މުބާރާތް މިހާރު މީ އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭ މުބާރާތެއް. ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނާއި ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއްގެ ހުނަރު ފެނިގެންދާނެ. ރާއްޖޭންބޭރުގެ 8 ކުޅުންތެރިން ޓީމުތަކުގައި ހިމަނާފައިވޭ'' އައު ދައުރަކަށް ކައުންސިލްގެ ގޮނޑި ކާމިޔާބުކުރަށްވާފައިވާ ސެންޓޭ ވިދާޅުވެފަވެއެވެ.
އޭނާ ފާހަގަކުރަށްވާފައިވާ ގޮތުގައި މިއީ ނޮޅިވަރަމުގެ ފުޓްބޯޅައަށް ކައުންސިލްގެ މި ހިނގާ ދައުރުގައި ގެނެވިފައިވާ އިންގިލާބީ ހެޔޮ ބަދަލުތަކެކެވެ.
މި މުބާރާތުގައި މިއަދު ކުޅޭނީ މިދިޔަ އަހަރުގެ ޗެމްޕިއަނުންނާއި ރަނަރަޕް ކަމަށްވާ ކަންމަތި އެސް.ސީ އާއި ކްލަބް ކްލަސްޓަރ އެވެ. މި މުބާރާތުގެ ފައިނަލް އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!