ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ މުބާރާތް ނިމުމަށްފަހު، މާލެ ސަރަހައްދުގައި ދިރިއުޅޭ ހދ. ނައިވާދޫގެ ރައްޔިތުން މިހާރު އިންތިޒާރު ކުރަމުންދަނީ "ހޮލިޑޭ ކަޕް 2026" އަށެވެ.

18 އަހަރުގެ ދިގު، ފަޚުރުވެރި މާޒީއެއް އޮތް ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކުލަބުން އިންތިޒާމުކުރާ މި މުބާރާތަކީ ނައިވާދޫގެ ޒުވާނުންނާއި އާއިލާތަކަށް އަންނާނެ ކުޅިވަރުގެ އެންމެ ބޮޑު ދެވަނަ އީދެވެ.

Ad
rt

​ނައިވާދޫ ޓްރޭނާސްގެ ފަރާތުން ހާމަކުރިގޮތުގައި އެ ކުލަބުގެ އެންމެ އިސް މަގުސަދަކީ ހަމައެކަނި މުބާރާތެއް ބޭއްވުމެއް ނޫނެވެ. އެ ކުލަބުގެ އަމާޒަކީ ކުޅިވަރުގެ މައިދާނުގައި ހަރުދަނާ، އަދި ކުޅުންތެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެހާ ރީތި ސިފަތަކުން ޒީނަތްތެރިވެފައިވާ ޒުވާނުންތަކެއް ބިނާކުރުމެވެ.

​ކުލަބުގެ ރައީސް ސިމްހާޒް ހަމީދު ވިދާޅުވި ގޮތުގައި، މި މުބާރާތަކީ މާލޭގައި ދިރިއުޅޭ ނައިވާދޫގެ ކުދިންނަށް ހާއްސަ ކުރެވިފައިވާ މުބާރާތެއް ނަމަވެސް، އެކުދިންގެ ރަހުމަތްތެރިންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

​"ނައިވާދޫއިންވެސް މި މުބާރާތަށް ކުޅުންތެރިން އަންނަކަމީ، މުބާރާތުގެ ފޯރި އިންތިހާއަށް ގަދަވެގެންދާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން،" ސިމްހާޒް ވިދާޅުވިއެވެ.

​މުބާރާތުގެ މެނޭޖަރު އަހުމަދު ޝަކީބު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ބޮޑު ހަރަކާތެއް ރޭވުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ޓީމުތަކުން ފަރިތަކުރުންތަކަށް ދަނޑެއް ހޯދުމުގައި ދިމާވި ދަތިތަކެވެ. ނަމަވެސް، އެ ދަތި ދަނޑިވަޅުގައި ޔޫތު މިނިސްޓްރީން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި މެނޭޖަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

​"އަޅުގަނޑުމެން ބޭނުންވަނީ ބެލެނިވެރިންނާއި ކުޅުންތެރިން ގަބޫލުކުރާ ފެންވަރުގެ ފުރިހަމަ އިންތިޒާމުތަކެއް މި މުބާރާތުގައި ހަމަޖެހިގެން ދިއުން،" ޝަކީބު އިތުރަށް ވިދާޅުވިއެވެ.

​މިފަދަ ބޮޑު މުބާރާތެއް އިންތިޒާމުކުރުމަކީ ބޮޑު ހޭދައެއް ހިނގާ ކަމަކަށްވާއިރު، މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ހަތަރު ބައިވެރިންގެ ދައުރު ކުލަބުން ވަނީ ފާހަގަކޮށްފައެވެ. އެއީ:
​

ޓައިޓަލް ސްޕޮންސަރ: ކޮފީ އެންޑް މޯ (Coffee and More)
​ސިލްވަރ ޕާޓްނަރ: ޑްރީމް އެޑްވެންޗަރ މޯލްޑިވްސް
​ބެކަޕް ސަޕޯޓް: ގާކޮށި މާރޓް އަދި ދި މިތުރާ

​މި ހަތަރު ފަރާތުގެ ބޮޑު ހޭދައާއި ދީލަތި އެހީތެރިކަމަކީ މުބާރާތުގެ ފުރާނައެވެ. މީގެ އިތުރުން، މުބާރާތް ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކުލަބުގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވައެވެ.

​"މި މުބާރާތް މިހާ ފުރިހަމައަށް ބޭއްވެނީ އަޅުގަނޑުމެންގެ ސްޕޮންސަރުންނާއި، އެކި ގޮތްގޮތުން އެހީތެރިވާ ފަރާތްތަކުގެ އިޚްލާޞްތެރި އެއްބާރުލުމާއެކު،" ކުލަބުގެ މެނޭޖްމަންޓުން ފާހަގަކުރެއްވިއެވެ.

ނައިވާދޫގެ އެންމެހާ ރައްޔިތުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން 11 އޭޕްރީލް 2026 ވާ ހޮނިހިރު ދުވަހު ހުޅުމާލެ ޓްރީޓޮޕް ދަނޑަށް ވަޑައިގެން، މި ފޯރިގަދަ މުބާރާތުގެ ބައިވެރިވެ ތަރުހީބުދިނުމަށް އެކުލަބުން ދަޢުވަތުއަރުވައެވެ.