އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން 7 ރަށެއްގެ ކައުންސިލް ރައީސްކަން ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.
ވަގުތީ ނަތީޖާތައް ދައްކާގޮތުން، އިދިކޮޅު އެމްޑީޕީން 4 ރަށެއްގެ ރައީސްކަން ކާމިޔާބުކުރިއިރު، އަމިއްލަ ގޮތުން ވާދަކުރި 3 ކެނޑިޑޭޓަކު ވެސް ވަނީ އިންތިހާބު ކާމިޔާބުކޮށްފަ އެވެ.
ޕީއެންސީގެ ޓިކެޓުގައި ވާދަކޮށްގެން ހއ. އަތޮޅުގެ މުރައިދޫ، ވަށަފަރު، ދިއްދޫ، ފިއްލަދޫ އަދި ތުރާކުނުގެ ރައީސްކަން ވަނީ ކާމިޔާބުކޮށްފަ އެވެ. މީގެ ތެރެއިން ދިއްދޫ ކައުންސިލްގެ ރައީސްކަން އުސްމާން ރަޝީދު ކާމިޔާބުކުރީ 1331 ވޯޓުންނެވެ. އަދި ތުރާކުނު ކައުންސިލްގެ ރައީސްކަން އަހުމަދު ސިރާޖު ކާމިޔާބުކުރީ 281 ވޯޓު ހޯދައިގެންނެވެ. އުތީމު އަދި ބާރަށު ކައުންސިލްގެ ރައީސްކަން އިންތިހާބަކާ ނުލައި ޕީއެންސީން ވަނީ ކުރިން ކާމިޔާބުކޮށްފައެވެ.
އިދިކޮޅު އެމްޑީޕީން ވަނީ ހއ. މާރަންދޫ، ހޯރަފުށި، އިހަވަންދޫ އަދި ކެލާގެ ރައީސްކަން ކާމިޔާބުކޮށްފަ އެވެ. މާރަންދޫގެ ރައީސްކަން ހަސަން ވަހީދު ކާމިޔާބުކުރީ 221 ވޯޓުންނެވެ. އަދި ހޯރަފުށީގެ ގޮނޑި މުހައްމަދު އަސްފާމް ކާމިޔާބުކުރީ 1291 ވޯޓުގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. މީގެ އިތުރުން ތަކަންދޫ، އުލިގަން އަދި މޮޅަދޫގެ ރައީސްކަން ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނެވެ.
އަމިއްލަ ކެނޑިޑޭޓުންގެ ތެރެއިން ތަކަންދޫގެ ރައީސްކަން އަބްދުލް ރައްޒާގު އިބްރާހިމް 320 ވޯޓުން ކާމިޔާބުކުރިއިރު، އުލިގަމުގެ ރައީސްކަން އަސަދުﷲ މުހައްމަދު ކާމިޔާބުކުރީ 196 ވޯޓުންނެވެ. މޮޅަދޫގެ ރައީސްކަން އަބްދުލް މުހުސިން އަބްދުލް ލަތީފް ކާމިޔާބުކުރީ 155 ވޯޓު ހޯދައިގެންނެވެ.
މުޅި ރާއްޖޭގެ ނަތީޖާއަށް ބަލާއިރު، މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ފަސް ސިޓީއެއްގެ މޭޔަރުގެ ގޮނޑި އެމްޑީޕީން ވަނީ ކަށަވަރުކޮށްފަ އެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!