2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި އީރާނުގެ ގައުމީ ޓީމު ބައިވެރިވާނެކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރަސްމީކޮށް ކަށަވަރުކޮށްދެއްވައިފިއެވެ.

އިންފަންޓީނޯ ވިދާޅުވީ މުބާރާތުގެ ރަސްމީ ތާވަލާ އެއްގޮތަށް އީރާނުގެ މެޗުތައް އެމެރިކާގައި ކުރިއަށްދާނެ ކަމަށެވެ.

Ad
rt

ތުރުކީގެ އަންޓަލްޔާގައި ކޮސްޓަރީކާ އަތުން 5-0 އިން އީރާން މޮޅުވި އެކުވެރިކަމުގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، އީރާން ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށެވެ.

''އީރާން ވޯލްޑްކަޕްގައި ކުޅޭނެ، އެއީ ވަރަށް ވަރުގަދަ ޓީމަކަށް ވާތީ އަޅުގަނޑުމެން ވަރަށް އުފާވޭ،" އިންފަންޓީނޯ ވިދާޅުވެފަވެއެވެ.

މީގެއިތުރުން އޭނާ ވަނީ އީރާނުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނާ ބައްދަލުކުރައްވައި، ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް ކަމަށް ފާހަގަކުރައްވާފައެވެ.

އީރާން ފުޓްބޯޅަ ފެޑެރޭޝަންގެ ފުރަތަމަ ނައިބު ރައީސް މަހުދީ މުހައްމަދު ނަބީ ވިދާޅުވީ، މުބާރާތް ބާއްވާ ގައުމަކަށް ބެލުމެއްނެތި، ފީފާގެ ގަވާއިދުތަކަށް އީރާނުން ފުރިހަމައަށް ބޯލަނބާނެ ކަމަށެވެ.

"ފީފާއިން ކަނޑައަޅާ ކޮންމެ ގައުމެއްގައިވެސް އަޅުގަނޑުމެން ވޯލްޑް ކަޕް ކުޅޭނަން، އެއީ އެމެރިކާ ކަމުގައިވިޔަސް، މެކްސިކޯ ނުވަތަ ކެނެޑާ ކަމުގައިވިޔަސް،" ނަބީ ވިދާޅުވިއެވެ.

އީރާނުގެ ގައުމީ ޓީމު މިހާރު އަންޓަލްޔާގައި ތަމްރީނު ކޭމްޕެއް ކުރިއަށްގެންދަނީ ޖޫން 11 އިން ޖުލައި 19، 2026 އަށް އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މުބާރާތަށް ތައްޔާރުވުމަށެވެ. މިއީ 48 ޓީމު ބައިވެރިވާ ގޮތަށް ބާއްވާ ފުރަތަމަ ވޯލްޑް ކަޕް މުބާރާތެވެ.

ވޯލްޑް ކަޕްގެ ތާވަލުގައިވާ ގޮތުން އީރާނުން ޖޫން 15 އަދި 21 ގައި ލޮސް އެންޖެލެސްގައި ނިއުޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ނުކުންނާނެއެވެ. އަދި ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އިންފަންޓީނޯ ކަށަވަރުކޮށްދެއްވި ގޮތުގައި މި ހުރިހާ މެޗުތަކެއްވެސް ކުރިއަށްދާނީ މުބާރާތުގެ ގުރުއަތުން ކަނޑައެޅިފައިވާ ދަނޑުތަކުގައެވެ.