ލ. ގަމުގައި ފުލުހުންނަށް ހާއްސަކޮށްގެން ބިނާކުރި އެކޮމޮޑޭޝަން އިމަރާތް ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި މިއީ އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށާއި، ފުލުހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު މުހިންމު މަޝްރޫއެކެވެ.
ލ. ގަމުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިމަރާތް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ. މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީނިއަރ އޮފިސަރުންނާއި އެކި ރޭންކުތަކުގެ ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖުމްލަ ހަތަރު ބުރިއަށް ތަރައްގީކޮށްފައިވާ މި އެކޮމޮޑޭޝަން އިމަރާތަކީ 50 މީހުންގެ ޖާގައިގެ އިމަރާތެކެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ވަސީލަތްތައް ތަރައްގީކޮށް، ފުލުހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކުރުމަށްޓަކައި ރާއްޖޭގެ އެކި އަތޮޅުތަކުގައި މިފަދަ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ދަނީ ހިންގަމުންނެވެ.
އިއްޔެ އަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުނު އަހަރީ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!