ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން އެސްޓީއޯގެ ދަށުން ހިންގާ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ށ. މިލަންދޫގައި ގާއިމުކުރި ފިއުލް ޝެޑުން މިއަދު ތެޔޮވިއްކަންފަށައިފިއެވެ.
އެފްއެސްއެމުން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި މިއަދު ބުނީ، މުޅި ރާއްޖޭގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން، ކޮންމެ އަތޮޅެއްގައި ތެޔޮ ފިހާރައެއް ގާއިމުކުރުމުގެ އަމާޒާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 18 ފިއުލް ސްޓޭޝަނެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މީގެ ތެރެއިން ށ. މިލަންދޫގައި ގާއިމު ކުރި ފިއުލް ސްޓޭޝަންގެ ޚިދުމަތް މިއަދު ފެށިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިއަދަކީ މި ފިއުލް ސްޓޭޝަނާއެކު، އިތުރު މުހިންމު ކާމިޔާބީއެއް ހާސިލުކުރެވުނު ދުވަހެއް ކަމަށް ވެސް ބުނެފަވެއެވެ.
މިއީ މި މަޝްރޫޢުގެ ދަށުން ހުޅުވި ފަސް ވަނަ ފިއުލް ޝެޑުކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
މީގެ ކުރިން ވަނީ ރ. ދުވާފަރު، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ އަދި ބ. އޭދަފުށީގައި އެފްއެސްއެމް ފިއުލް ޝެޑް ގާއިމުކޮށް ޚިދުމަތް ފަށާފައެވެ.
ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވީ 7 ނޮވެމްބަރު 2024 ގައެވެ.
މި މަޝްރޫޢުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ޤާއިމުކޮށް، މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ތެޔޮ ލިބޭނޭ ނިޒާމު ޤާއިމުކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!