ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ތަކުގެ އިންތިޚާބުގައި ހދ. ހަނިމާދޫ ރަށު ކައުންސިލަށާއި، ޑަބްލިޔުޑީސީ އަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވަންޖެހެނީ އެއީ ރަށަށް ތަރައްގީއާއި ކުރިއެރުން ލިބެންއޮތް އެންމެ ރަނގަޅު މަގުކަމަށްވާތީ ކަމަށް ވިދާޅުވެ، އެ ކެންޑިޑޭޓުންނަށް އަންނަ އިންތިޚާބުގައި ވޯޓު ދިނުމަށް ހަނިމާދޫ ރައްޔިތުންގެ ކިބައިން އެރަށުގެ ކައުންސިލްގެ ރައީސް އަބުދުއްސައްތާރު ހަސަން (ސަޓޯ) އެދިވަޑައިގެންފިއެވެ.
އިދިކޮޅު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހަނިމާދޫ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ސައްތާރު އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ތަކުގެ އިންތިޚާބުގައި ތާއީދު ކުރަށްވަނީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހަނިމާދޫ ރަށު ކައުންސިލަށާއި، ޑަބްލިޔުޑީސީ އަށް ވާދަކުރާ ކެންޑިޑޭޓުންނަށެވެ. އާދީއްތަ ދުވަހުގެ ރޭ ހަނިމާދޫ ޕީއެންސީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ސައްތާރު ވަނީ އޭނާ އެ ކެންޑިޑޭޓުންނަށް ތާއީދުކުރަށްވާ ސަބަބު ވިދާޅުވެދެއްވާފައެވެ.
ސައްތާރު ވިދާޅުވީ އޭނާ ކޮންމެ ސަރުކާރަކާއި އެކު ވެސް ޚާއްޞަކޮށް ޕީއެންސީ ސަރުކާރާއެކު މަސައްކަތް ކުރައްވަނީ ރަށަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމުގެ ބޭނުމުގައި ކަކަށެވެ.
''އެނޫން އެއްވެސް ކަމެއްގައެއްނޫން، އެ މުސްތަގުބަލު ގެނައުމަށްޓަކައި މިހާތަނަށް ކުރެވުނު މަޝްވަރާތަކަށް ބަލާއިރު ޕީއެންސީ އަކީ އެންމެ ރަނގަޅު މަގު މިއަދު، ސަބަބަކަށް ވަނީ ސަރުކާރު އޮވެފައި ޕީއެންސީ ކެންޑިޑޭޓް ބުނީމަ އެކަން ކުރަން ފަސޭހަވެގެންދާނެ، އެހެންކަމުން އަޅުގަނޑުއެދެން މިރަށުގެ އެންމެހާ ރައްޔިތުން މި ޓީމު ހޮވޭތޯ މަސައްކަތް ކޮށްދިނުމަށް، އެހެންނޫނީ ދެ އަހަރާއި ބައި އެއްވެސް ކަމެއްނުވެ ފަހަތަށްދާނެ'' ސައްތާރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުން ހަނިމާދޫ ތަރައްގީއަށްޓަކައި ވަރަށްގިނަ ކަންކަން ކުރަން އެބަހުރިކަމަށެވެ. އެކަންކަމުގެ ލިސްޓް ވިދާޅުވުމަށްފަހު އޭނާ ވިދާޅުވީ، އުންމީދަކީ ސަރުކާރާއި ގުޅިގެން އެ މަސައްކަތްކޮށް ރަށަށް ތަރައްގީއައުން ކަމަށެވެ.
''މިހާރު އޮތް ޓީމު (މިހާރުގެ ކައުންސިލަރުން) އަޅާނީ ކިޔާނީ ތިޔަ ރައްޔިތުން، ތިޔަ ރައްޔިތުން އަޅުގަނޑާއި ހަމައަށް އައި ބައެއްކަހަލަ ކަންތަކުގެ ޝަކުވާ ހައްލު ނުވަނީ ކީއްވެގެންތޯ، މެޖޯރިޓީ އެބޭފުޅުން ބޭނުމިއްޔާ ބޭނުންގޮތަކަށް އެބައޮތް، ރައީސެއްގެ ހައިސިއްޔަތުން އެއްވެސް ކަމެއް ނީންނާނެ، ރައްޔިތުން ބޭނުންވާ ކަންކަމުގެ ހައްލުހޯދޭނެ މެޖޯރިޓީއާއި ފުރުސަތު އެބޭފުޅުންނަށް އެބައޮތް، ހަމައެކަނި ހައްލަކަށް ގެނައީ ވަކި މީހަކު ބުނެގެން ބޮޑު ބިމެއް ކަނޑާލާފަދިނީ ރައްޔިތުން ހޯހޯއޭ ގޮވަގޮވާތިއްބާ، 400316 އަކަ ފޫޓްގެ ބިމެއް ކަނޑާފައި ދިނީ'' ސައްތާރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭނާ އާއި މެދު ''ބައެއް މީހުން'' ހިތްހަމަ ނުޖެހުން އޮންނަނީ އެކަމުގައި ރައްޔިތުންގެ ކޮޅުނަގައި ދެކޮޅުހެދީމައި ކަމަށްވެދާނެކަމަށެވެ. އަދި މި އިންތިޚާބުގައި ވާދަކުރާ މިހާރުގެ ކައުންސިލަރުންނަކީ ''ވަކި މީހަކު ބުނާގޮތް ހަދަން ވަކި މީހެއްގެ ފަހަތުން އެނބުރޭ ބައެއް'' ކަމަށް ސައްތާރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީއެންސީ ޓީމަކީ ގާބިލު ޓީމެއްކަމަށާއި، ރަށަށް ތަރައްގީ ގެނެސްދެވޭނީ ސަރުކާރާއި އެކު މަަސައްކަތްކުރާނެ، ސަރުކާރުގެ ފިކުރުގެ އެ ޓީމު ހޮވައިގެންކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!