ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ނޮޅިވަރަންފަރު ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ ލާމަރުކަޒީ ތަޖުރިބާއާއި އީޖާދީ އައު ވިސްނުމުގެ ލާމަރުކަޒީ ނިޒާމަށް އެންމެ ފަރިތަ ޓީމު ކަމަށް ޕީއެންސީގެ ޓިކެޓްގައި ހދ. ނޮޅިވަރަންފަރު ކައުންސިލަށް ވާދަކުރަށްވާ މިހާރުގެ ވެސް ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް ވިދާޅުވެއްޖެއެވެ.

ނަދީމް މިހެން ވިދާޅުވީ ނޮޅިވަރަންފަރުގައި ޕީއެންސީގެ ކެމްޕޭން ޖަގަހަ ހުޅުވުމަށްފަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ނަދީމް ވިދާޅުވި ގޮތުގައި ނޮޅިވަރަންފަރު ޕީއެންސީ ކެންޑިޑޭޓުންގެ ޓީމު އެކުލަވާލިއިރު އާ ވިސްނުންތަކާއި އީޖާދީ ވިސްނުންތައް ހުރި މީހުންނަށް ވަނީ އިސްކަން ދީފައެވެ. އަދި ނޮޅިވަރަންފަރަކީ އާބާދީ އެއްފަސްކޮށްފައި އޮތް ރަށަކަށް ވީނަމަވެސް، މި ޓީމަކީ ވަކި ބަޔަކު ނަގައިގެން އެކުލަވާލި ޓީމެއް ނޫން ކަމަށާއި، މިއީ މުޅި ނޮޅިވަރަންފަރުގެ ތެރެއިން ހޮވާލެވިފައިވާ، މަސައްކަތުގެ މާހައުލާއި ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާ ލިބިފައިވާ ޓީމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ނިޒާމާ ބެހޭގޮތުން ވާހަކަދައްކަވަމުން ނަދީމް ވިދާޅުވީ، ބަޔަކު މީހުން ލާމަރުކަޒީ ނިޒާމަކީ އެމީހުން "ބަނޑުން ވިހޭ" އެއްޗެއް ކަމަށް ބުނި ކަމުގައި ވިޔަސް، ނޮޅިވަރަންފަރުގައި މި ޓީމަށްވުރެ ވަކި ލާމަރުކަޒީ ނިޒާމަށް ފަރިތަ ބަޔަކު ނުތިބޭނެ ކަމަށެވެ.

"ނިޒާމު ވިހާފާނެ، އެކަމަކު އެބައިމީހުން މި ނިޒާމަށް ފަރިތައެއް ނުވާނެ،" ނަދީމް ވިދާޅުވިއެވެ.

ނަދީމް އިތުރަށް ވިދާޅުވީ، ޕީއެންސީގެ ޓީމުގެ ދެބައިކުޅަ އެއްބައި މީހުންނަކީ ކައުންސިލްގެ ތަޖުރިބާއާއެކު އައިސްތިބި ބޭފުޅުން ކަމަށާއި، ބާކީ ތިއްބެވީ އާ ޚިޔާލުތަކާއެކު މަސައްކަތް ކުރިއަށް ގެންދެވޭނެ ގާބިލު ބޭފުޅުން ކަމަށެވެ. އެހެންކަމުން މި ޓީމަކީ ނިޒާމުގެ ތެރެއިން ސާބިތުކަމާއެކު މަސައްކަތް ކުރެވޭނެ ބޭފުޅުންކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

''ވަރަށް ސާބިތުކަމާއެކު މި ދަންނަވަނީ އަޅުގަނޑުމެންގެ ޓީމުގައި ތިބޭނެ ވަރަށް ލާމަރުކަޒީ ނިޒާމަށް ފަރިތަ ބޭފުޅުން، މި ނިޒާމުގެ މަސައްކަތް ކުރެވޭނެ ބޭފުޅުން، ބައްލަވާ ޓީމުގެ ދެބައިކުޅަ އެއްބައި މީހުންނަކީ ކައުންސިލްގެ ތަޖުރިބާއާއިއެކު އައިސްތިބި ބޭފުޅުން، ދެން ތިއްބެވީ މި މަސައްކަތުގައި އާ ޚިޔާލާއެކުގައި ކުރިއަށްގެންދެވޭނެ ޓީމު'' ނަދީމް ވިދާޅުވެފަވެެއެވެ.

ކައުންސިލްގެ ހަތަރުވަނަ ދައުރު ނިމި ފަސްވަނަ ދައުރަކަށް ކުރިމަތިލާއިރު، ކައުންސިލަށް މާ ބޮޑު ބާރެއް ބޭނުންވަނީ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ފަސޭހަވާނެތީ ކަމަށް ވެސް ނަދީމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.