ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވާކަން އަދާލަތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ވޯޓުގައި، އެ އިޞްލާޙަށް ތާއީދުކުރުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.
މި އިޞްލާޙަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ހުށަހަޅާފައިވާ ބަދަލެކެވެ.
އަދާލަތު ޕާޓީން ހާމަކޮށްފައިވާ ގޮތުގައި، 4 އެޕްރީލް 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި "ފެންނަކަމަށް" ވޯޓު ދިނުމަށް ނިންމީ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކުރުމަށްފަހުގައެވެ.
މި އިޞްލާޙަކީ ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމަށް ގެނެވޭ މުހިންމު ބަދަލަކަށް ވާއިރު، މީގެ ކުރިންވެސް ބައެއް ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން މި މި ބަދަލަށް ތާއީދު ކުރަށްވާފައެވެ. ވެރިކަންކުރާ ޕީއެންސީ އާއި ސަރުކާރުގެ ސްޓޭންޑަކީ މި ބަދަލަށް ތާއީދުކުރުމެވެ.
މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމާއި، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)ގެ އެމްޑީއޭ އިން ވެސް ވަނީ މި ބަދަލަށް ތާއީދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!