އީރާނުގެ ސަރުކާރު އަދިވެސް އޮތީ އެގޮތުގައި، ބަލިކަށިވާން ކައިރިވެސްނުވާކަމަށް އެމެރިކާގެ ތިން އިންޓެލިޖެންސް އިދާރާއަކުން އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވާކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ.
ރޮއިޓާސްއިން އާންމުކުރި އެމެރިކާގެ ޖާސޫސީ މައުލޫމާތުތަކާއި ގުޅިގެން ވޮޝިންޓަނާއި ތެލް އަވީވުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، މި ރިޕޯޓުން ހާމަވާ ގޮތުގައި، ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ މައިގަނޑު މަގްސަދު ކަމަށްވާ އީރާނުގެ ވެރިކަން ފުނޑުފުނޑުކޮށްލުމުގެ އަމާޒަށް އަދި ވާސިލުވެވެން ކައިރިވެސް ނުވެއެވެ.
އެމެރިކާގެ ތިން އިންޓެލިޖެންސް އިދާރާއަކުން އެކުލަވާލި މި އެސެސްމަންޓުގައި ބުނެފައިވަނީ، ހަމަލާތަކުގެ ފުރަތަމަ ދުވަހު އީރާނުގެ ރޫހީ މުރްޝިދު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވި ނަމަވެސް، އެ ގައުމުގެ އިދާރީ އަދި ސަލާމަތީ އޮނިގަނޑު އަދިވެސް އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ. މިއީ ހުޅަނގުގެ ގައުމުތަކުން ކުރިން އަންދާޒާކުރި ވަރަށް ވުރެ މާ ވަރުގަދަ ނިޒާމެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
ޖާސޫސީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އީރާނުގެ ލީޑަޝިޕްގެ ތެރޭގައި ބައިބައިވުން އުފެދުމުގެ ބަދަލުގައި، ބާކީ ތިބި ދީނީ އިލްމުވެރިންނާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ވަނީ އެކަތިގަނޑަކަށް ވެފައެވެ. މީގެ އިތުރުން ބަސީޖް ފޯސް ފަދަ ސަލާމަތީ ބާރުތަކުން ދަނީ ހަރުކަށި ފިޔަވަޅުތަކާއެކު އާންމުންގެ މުޒާހަރާތައް ކާމިޔާބުކަމާއެކު ކޮންޓްރޯލް ކުރަމުންނެވެ.
އެނަލިސްޓުން ބުނާ ގޮތުގައި އީރާން މިހާރު ބަދަލުވަމުންދަނީ އަސްކަރީ ބާރުވެރިކަން އޮތް "އައި.އާރް.ޖީ.ސީ-ސްތާން" އަކަށެވެ. މި ނިޒާމުގެ ތެރެއިން މުޖްތަބާ ޚާމަނާއީ މަރުކަޒީ ދައުރެއް އަދާކުރެއްވި ނަމަވެސް، ހަގީގީ ބާރުތައް އޮތީ އަސްކަރީ ލީޑަޝިޕްގެ އަތްމަތީގައެވެ. އަދި އިންޓަނެޓް ކަނޑާލުމާއި ގައުމީ ރޫހު އާލާކުރުމުގެ ސަބަބުން ރައްޔިތުންގެ މައްޗަށް އޮތް ކޮންޓްރޯލް ގެއްލިފައި ނުވާކަން ރިޕޯޓުގައިވެއެވެ.
މި ރިޕޯޓުގެ ސަބަބުން ރައީސް ޓްރަމްޕްގެ ސަރުކާރަށް ވަނީ ސިޔާސީ ގޮތުން ބޮޑު ދަތިތަކެއް ކުރިމަތިވެފައެވެ. ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. ނަމަވެސް ޖާސޫސީ އިދާރާތަކުން އިންޒާރު ދެނީ، އީރާނުގެ ވެރިކަން ވައްޓާލަން ބޭނުންނަމަ އެއްގަމު މަގުން ބޮޑު ލަޝްކަރެއް ފޮނުވަން ޖެހިދާނެ ކަމަށެވެ.
"އީރާނުގެ ވެރިކަން ވެއްޓޭނެ ފަދަ ބްރޭކިންގް ޕޮއިންޓެއް އަދި ފެންނާކަށް ނެތް،" ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މިއީ މިހާތަނަށް އެމެރިކާއިން ގެންގުޅެމުން އައި ވައިގެ މަގުން ހަމަލާދީގެން ވެރިކަން ބަދަލުކުރުމުގެ ސްޓްރެޓެޖީއަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!