ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 54 ފަރާތަކަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

Ad
rt

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 54 ފަރާތަކަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. މި ލޯނު ދޫކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި 5 ކުންފުންޏަކާއި، 44 ފިރިހެނުންގެ އިތުރުން 5 އަންހެނުން ހިމެނޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ދަނޑުވެރި ނަފާ ލޯނު ދޫކުރަމުންދަނީ މައިގަނޑު ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ 1 ލައްކަ ރުފިޔާއާ ހަމައަށް ދޫކުރާ ލޯނުތަކާއި، 1 ލައްކަ ރުފިޔާއިން ފެށިގެން 2 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނުތަކެވެ. މި ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ އަހަރަކު 6 އިންސައްތައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 3 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއް ދަނޑުވެރިންނަށް ލިބިގެންދާނެއެވެ.

ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ދަނޑުވެރިކަމުގެ ވުޒާރާގެ ދަފްތަރުގައި މިހާތަނަށް 7000 އަށްވުރެ ގިނަ ދަނޑުވެރިން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ ގޮތުން އދ. އަރިއަދޫގައި ރުއް އާލާކުރާ މައި މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

ހަމައެއާއެކު، ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށްޓަކައި ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 31 ރަށެއްގައި ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވާކަންވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.