މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އެފަދަ އެއްވެސް ޝަކުވާއެއް އެ މީހާގެ ފަރާތުން މިހާތަނަށް ލިބިފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ބިދޭސީ މީހާއަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން ތަހުގީގު ކުރަމުންދާކަން ފުލުހުންގެ ހިދުމަތަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ އަރުވާފައެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި ތުހުމަތުތަކާ ގުޅިގެން ބެލިބެލުމުން އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް، އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް އޭނާ ކޮށްފައެއް ނުވެއެވެ.
"ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް، އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާކަމާއި، ޑޮކްޓަރަށް ދެއްކުމަށް އެދިފައި ނުވާކަން ފާހަގަކުރަން،" ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު އެޗް.އާރް.ސީ.އެމް އިން ކުރިއަށް ގެންދާއިރު، ފުލުހުން ދަނީ އެ އިދާރާއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!