އެމެރިކާއިން އީރާނާ ދެކޮޅަށް ރާވަމުންދާ ރޭވުންތަކަށް ވަރުގަދަ ރައްދެއް ދިނުމަށްޓަކައި، "ގިނަ ހައިރާންކުރުވަނިވި" ކަންތައްތަކެއް ތައްޔާރުކޮށްފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣުޗީ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރަޣުޗީ ވިދާޅުވީ، "އޮޕަރޭޝަން އެޕިކް މިސްޓޭކް" ފެށުނުތާ ނުވަ ދުވަސް ވެފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެގުނައަށް އުފުލި، ހުރިހާ މުދަލެއްގެ އަގު އިންތިހާއަށް މައްޗަށް ދަމުންދާ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އެމެރިކާއިން ދަނީ އިންފްލޭޝަންގެ ބޮޑު ލޮޅުމެއްގެ ބިރު ދައްކައިގެން އީރާނު ކޮންޓްރޯލް ކުރުމަށްޓަކައި، އީރާނުގެ ތެލާއި ނިއުކްލިއަރ މަރުކަޒުތަކަށް އަމާޒުކޮށް ރޭވުންތަކެއް ރާވަމުންނެވެ.

Ad
rt

"އީރާނު އޮތީ ފުރިހަމައަށް ތައްޔާރަށް. އަދި އަހަރެމެންގެ އަތުގައިވެސް ރައްދުގައި ދޭނެ ހައިރާންކުރުވަނިވި ގިނަ ކަންތައްތަކެއް އެބަހުރި،" ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވިއެވެ.

މި ހާލަތާ ގުޅިގެން މިއަދު ދުނިޔޭގެ ހިއްސާގެ ބާޒާރުތައް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. ތެލުގެ އަގު އުފުލުމުގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތަކާއި އިންޓްރެސްޓް ރޭޓް މުޅި ދުނިޔޭގައި އުފުލިދާނެ ކަމުގެ ބިރު އޮތުމުން، އިންވެސްޓަރުން ވަނީ ރައްކާތެރިކަމެއްގެ ގޮތުން އެމެރިކާ ޑޮލަރަށް ބަދަލުވާން ފަށާފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސާފުނުކުރާ ތެލުގެ އަގު ގާތްގަނޑަކަށް %30 މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ 120 ޑޮލަރާ ގާތްކޮށްފައެވެ. މިއީ ތާރީޚުގައިވެސް އެއް ދުވަސް ތެރޭގައި ތެލުގެ އަގަށް އައި އެންމެ ބޮޑު އެއް ބަދަލެވެ. ބްރެންޓް ކުރޫޑްގެ އަގު %13 މައްޗަށް ގޮސް ފީފާއެއް 104.5 ޑޮލަރަށް އަރާފައިވާއިރު، އެމެރިކާގެ ތެލުގެ އަގު ވަނީ %12 މައްޗަށް ގޮސް ފީފާއެއް 101.8 ޑޮލަރަށް އުފުލިފައެވެ. މީގެ ސަބަބުން ޕެޓްރޯލުން ފެށިގެން މަތިންދާބޯޓަށް އަޅާ ތެލާ ހަމައަށް ހުރިހާ ބާވަތެއްގެ އަގު އުފުލުމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި، އީރާނުގެ ދާޚިލީ ސިޔާސީ މަޝްރަޙަށްވެސް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އީރާނުގެ ރޫޙާނީ ލީޑަރު އަލީ ޚާމަނާއީގެ ފަހުން އެ މަގާމަށް އޭނާގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ ވަނީ އައްޔަނުކުރައްވާފައެވެ. މުޙައްލިލުން ދެކޭގޮތުގައި މިއީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އީރާނުގެ ބާރުތައް އަދިވެސް އޮތީ ހަރުކަށި ފިކުރުގެ ބޭފުޅުންގެ އަތްމަތީގައިކަން ހާމަކޮށްދޭ ނިންމުމެކެވެ.

ނަމަވެސް، މިއީ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަލައިގަނެވޭނެ ނިންމުމެއް ނޫނެވެ. މުޖްތަބާ ޚާމަނާއީއަކީ "ބަލައިގަނެވޭނެ ބޭފުޅެއް ނޫން" ކަމަށް ޓްރަމްޕް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.