ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ވޯޓު އޮންނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަކީ ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް ފައިދާބޮޑު ގޮތް ކަމަށް ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް މިހެން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ޤާސިމް ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގެ ސިޔާސީ މަޝްރަޙު ބަދަލުވެފައިވާ ގޮތަށް ބަލާއިރު، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުން ވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ، މިހާރު އޮތް ނިޒާމުގެ ސަބަބުން އިންތިޚާބުވާ ރައީސަކަށް ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް ހޭދަކުރަންޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކަމަށެވެ.

މީގެ އިތުރުން، މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށްގެން އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކުރުމާއި، ބަޖެޓު ހާވިޔާކޮށްލުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތްކުރުން ފަދަ ކަންކަން ފާއިތުވި މަޖިލީސްތަކުން ފެނިފައިވާކަން ޤާސިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި ވެސް މި ބަދަލަކީ މިހާރު ގެންނަން ލަސްވެފައިވާ ބަދަލެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ޤާސިމް ވަނީ އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު ކުރިއަށްދާ "ފެންނަނުފެންނަ" ވޯޓުގައި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް "ފެންނަ" ކަމަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ މަޖިލީހުން ގެނައި މި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާނީ ރައްޔިތުން މިކަމަށް އާބަސް ބުނުމުން ކަމަށެވެ.

މި ބަދަލުގެ ސަބަބުން ލިބޭނެ އިޤްތިޞާދީ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ޤާސިމް ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސިޔާސީ ނިޒާމުގައި އުފެދޭ ހަމަނުޖެހުންތަކާއި، އިންތިޚާބުތަކާ ގުޅިގެން ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ވެސް ކުޑަވެގެންދާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.