އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާއި ގުޅިގެން، އެމަނިކުފާނުގެ ދެވަނަ ފިރިހެން ދަރިކަލުން މުޖުތަބާ ޚާމަނާއީ އީރާނުގެ އާ އެންމެ މަތީ ވެރިޔާގެ މަގާމަށް އިންތިޚާބުކޮށްފިއެވެ.
އީރާނުގެ އެންމެ މަތީ ވެރިޔާ ކަނޑައެޅުމުގެ މަސްއޫލިއްޔަތު އޮންނަ ދީނީ އިލްމުވެރިންގެ މަޖިލީހުން މި ނިންމުން އާދީއްތަ ދުވަހު އިއުލާންކުރަމުން، ގައުމީ އެއްބައިވަންތަކަން ނެގެހެއްޓުމަށާއި އާ ލީޑަރަށް ބައިއަތު ހިފުމަށް ރައްޔިތުންނަށް ވަނީ ގޮވާލާފައެވެ. ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުޖުތަބާ ޚާމަނާއީ އިންތިޚާބުކުރީ އެ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ.
މުޖުތަބާ ޚާމަނާއީ މި މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން، އީރާނުގެ އަސްކަރިއްޔާއާއި، މަޖިލީހުގެ ރައީސްގެ އިތުރުން ރިވޮލިއުޝަނަރީ ގާޑްސްއިން ވެސް ވަނީ އެމަނިކުފާނަށް ތާއީދުކޮށް ބައިއަތު ހިފާފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މުޖުތަބާ ޚާމަނޭއީއަށް ތަބާވުމަކީ "ދީނީ އަދި ގައުމީ ވާޖިބެއް" ކަމަށެވެ.
މިއީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު، އީރާނުގެ އެންމެ މަތީ ވެރިކަން ބަފައެއްގެ ކިބައިން ދަރިއަކަށް ވާރުތަވި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުޖުތަބާ ޚާމަނާއީގެ ލީޑަރޝިޕް ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވީ، ވޮޝިންޓަނުގެ ރުހުން ނެތި އައްޔަންކުރާ އީރާނުގެ ލީޑަރަކަށް ގިނަ ދުވަހު މަގާމުގައި ނުހުރެވޭނެ ކަމަށެވެ. އަދި އީރާނުގެ ކުރިމަގުގެ ސިޔާސީ މިސްރާބު ކަނޑައެޅުމުގައި އެމެރިކާގެ ދައުރެއް އޮންނަންޖެހޭނެ ކަމަށް އޭނާ ބާރުއެޅުއްވިއެވެ. ހަމައެއާއެކު، އިސްރާއީލު އަސްކަރިއްޔާއިން ފާރިސީ ބަހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޢަލީ ޚާމަނާއީގެ ފަހަތުން އައްޔަނުކުރެވޭ ކޮންމެ ވެރިޔަކާއި، އެފަދަ މީހަކު އައްޔަންކުރަން އުޅޭ ކޮންމެ މީހެއްގެ ފަހަތުން ދާނެ ކަމަށްބުނެ އީރާނުގެ ލީޑަރޝިޕާ ދެކޮޅަށް ހަރުކަށި އިންޒާރުތަކެއް ދީފައެވެ.
އުމުރުފުޅުން 56 އަހަރުގެ މުޖުތަބާ ޚާމަނާއީއަކީ މީގެ ކުރިން ސަރުކާރުގެ އެއްވެސް ސިޔާސީ މަގާމެއް ފުރުއްވާފައިވާ ބޭފުޅެއް ނޫނެވެ. އެހެންނަމަވެސް، އެމަނިކުފާނަކީ ބައްޕާފުޅުގެ އަރިހުގައި ސިޔާސީ ގޮތުން ނުފޫޒުގަދަ، އަދި ސަލާމަތީ ބާރުތަކާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، މުޖުތަބާ ޚާމަނާއީ މި މަގާމަށް އައްޔަންކުރުމަކީ ހުޅަނގުގެ ފިއްތުންތަކަށް ބޯނުލަނބާނެކަން ދެއްކުމަށް އެޅި ފިޔަވަޅެކެވެ.
މި ބަދަލު އައިސްފައިވަނީ ސަރަހައްދީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ އަވަށްޓެރި ގައުމުތަކުގެ ތެޔޮ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާއާއި ގަލްފުގެ ބައެއް ގައުމުތަކަށް އަމާޒުކޮށް ދެވުނު ޑްރޯން ހަމަލާތަކުގެ ސަބަބުން މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ.
37 އަހަރު ވަންދެން ވެރިކަން ކުރެއްވި އާޔަތުﷲ ޢަލީ ޚާމަނޭއީ އަވަހާރަވީ، ފެބްރުއަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހު ތެހެރާނަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާއެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!