ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހދ. އަތޮޅުގެ ކެމްޕޭނަށް ޚާއްޞަ ޖަގަހައެއް މާލޭގައި ރަސްމީކޮށް ރޭ ހުޅުވައިފިއެވެ.
މި ޖަގަހަ ހުޅުއްވައިދެއްވީ ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.
އިރުދޭމާ ހިނގުމުގައި ހުންނަ ހ. އޮއިސްޓަރގައި ޤާއިމުކުރި މި ޖަގަހައަކީ ކުރިއަށް އޮތް އިންތިޚާބުތަކަށް އަމާޒުކޮށްގެން ހދ. އަތޮޅުގެ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތައް މާލޭގައި ކުރިއަށް ގެންދިއުމަށް ހުޅުވި ތަނެކެވެ.
ރޭ ބޭއްވި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސްގެގެ އަރިހުގައި، ޕީއެންސީގެ ފަރާތުން ހދ. އަތޮޅުގެ ކެމްޕޭން ކޯޑިނޭޓް ކުރައްވާ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި އެ ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި ހދ.ގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވިއެވެ.
މި ޙަފްލާގައި ނައިބު ރައީސް ހުސެން ދެއްކެވި ވާހަކާގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކާމިޔާބުވެއްޖެ ނަމަ، އެ މީހުން މަސައްކަތްކުރާނީ ސަރުކާރާ އިދިކޮޅަށް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރަށް އިންތިޚާބުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.
ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ހދ. އަތޮޅުގެ ފަރާތުން ހދ. ނާވައިދޫ ކައުންސިލުގެ ރައީސް އަލީ ރަޝީދާއި، ހދ. ވައިކަރަދޫ ކައުންސިލް މެމްބަރު ކަމަށް ވާދަކުރައްވާ ހުދާ މުހައްމަދު ވެސް ވަނީ ޝުއޫރު ފާޅުކުރައްވާފައެވެ. މި ޖަގަހައަކީ މާލޭގައި ދިރިއުޅޭ ހދ. އަތޮޅުގެ ރައްޔިތުންނާ ގުޅުން ބަދަހިކޮށް، ކެމްޕޭންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ހުޅުވުނު މުހިންމު މަރުކަޒެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!