ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަހުމަދު ނިމާލް މިއަދު ހެނދުނު ނިޔާވެއްޖެއެވެ.

އުމުރުން 62 އަހަރުގެ ނިމާލް ނިޔާވީ ސްޓްރޯކެއް ޖެހިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދެމުން ދަނިކޮށެވެ.

Ad
rt

ނިމާލް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ. އޭނާ ނިޔާވީ ހޮސްޕިޓަލުގެ އައިސީޔޫގައި ގާތްގަނޑަކަށް ދެ މަސް ދުވަހު ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

1984 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ނިމާލަކީ ދިވެހި ސިނަމާގައި ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ފަންނާނެކެވެ. އޭނާ ޑައިރެކްޓްކޮށްފައިވާ މަގުބޫލު ފިލްމުތަކުގެ ތެރޭގައި "ސިޓީ"، "ޒަލްޒަލާ" އަދި "ޔޫސުފް" ފަދަ އުފެއްދުންތައް ހިމެނެއެވެ.

ފިލްމީ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް، އޭނާއަށް ވަނީ ގައުމީ އިނާމުވެސް ލިބިވަޑައިގެންފައެވެ.

ނިމާލްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

އޭނާގެ ވަކިވުމަކީ ދިވެހި ފިލްމީ ސިނަމާއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ހުސްކަމެކެވެ.