ފޮތްތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރި ކިލޯއެއްގެ މަސްތުވާތަކެތި ހުރި ފޮށިގަނޑު ނަގަން ދިޔަ މީހަކު 18 އަހަރަށް ޖަލަށްލައި، 75،000 ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމްކޮށްފި އެވެ.
ސ. މީދޫ ހުދުވިލާގޭ އަލީ މުފާވިޒުގެ މައްޗަށް ދައުވާކުރީ ޑިސެމްބަރު، 2023 ގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފޮރުވާފައިވާ ހުރި ފޮތްތަކެއް ހުރި ފޮށިގަނޑެއް ނަގަން ޕޯސްޓް އޮފީހަށް އޭނާ ގޮސްފައިވާތީ އެވެ.
އެ ފޮށިގަނޑަކީ އެހެން މީހެއްގެ ނަމުގައި އޮތް ފޮށިގަނޑެއް ކަމަށްވާތީ އޭނާ އެ ފޮށިގަނޑު ނަގަން ދިޔައީ ފޮށިގަނޑުގައި ނަން އޮތް މީހާގެ ސިޓީއަކާއި އައީޑީކާޑް ކޮޕީ ހިފައިގެންނެެވެ. ނަމަވެސް މުފާވިޒު އެ ފޮށިގަނޑާ ހަވާލުވާން އައީ މީހަކު ބުނެގެން ކަމަށް ބުނެ އެ މީހާއާ ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދިން ނަންބަރަށް ގުޅިއިރު ފޯނަށް ޖަވާބު ދީފައި ނުވާތީ އެ އޮަޕަރޭޝަން ކުރިއަށް ނުގެންދެވުނެވެ.
އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށާއި އަދި އެ ފޮށިގަނޑު ބަލާ ދިޔައީ ޕޭޖެއް ޑެލިވަރީ އޯޑަރެއް ފުރިހަމަ ކުރުމަށް ކަމަށް މުފާވިޒު ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ މުފާވިޒުގެ ދައުރަކީ މަސްތުވާތަކެތި ހުރި ފޮށި ވަކި މީހަކާ ހަމައަށް ގެންގޮސްދިނުމުގެ ދައުރު ކަމަށެވެ. އަދި އެ ފޮށި ރާއްޖެ އެތެރެކޮށް އޭގެ މަންޒިލާ ހަމައަށް ފޯރުކޮށްދިނުމުގެ ބައިވެރިއެއްގެ ދައުރު އަދާކޮށްފައިވަނީ މުފާވިޒު ކަމަށް ހުކުމުގައިވެ އެވެ.
މުފާވިޒުއަކީ އެ ސިލްސިލާގެ މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާ މީހަކަށް ވާއިރު، އެ ފޮއްޓާ ހަވާލުވެ ވަކި މީހަކާ ފޮށި ހަވާލުކުރަން އުޅުނުކަން މަފާވިޒުގެ ބަހުންނާއި ހެކިންގެބަހުން އެނގޭ ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ ކުށުގެ އަމަލުގެ ރުކުން ފުރިހަމަވާ ކަމަށް ކަނޑައެޅި އެވެ.
ފޮއްޓާ ގުޅޭގޮތުން ދޮގު މައުލޫމާތު ހިއްސާކޮށް، އެ މަސައްކަތް އޭނާއާ ހަވާލުކުރި މީހާ ސިއްރުކޮށްފައިވާތީ އޭނާއަށް 18 އަހަރުގެ ޖަލު ހުކުމާއެކު، 75،000 ރުފިޔާގެ ޖޫރިމަނާގެ އަދަބެއް އިއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!