އުތުރު ކޮރެއާގެ ވެރިކަންކުރާ ވޯކާސް ޕާޓީގެ އެންމެ މަތީ މަގާމަށް، އެގައުމުގެ ލީޑަރު ކިމް ޖޮންގް އުން އަލުން އިންތިޚާބުކޮށްފިއެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަގާމަށް ކިމް އިންތިޚާބުކުރީ އެގައުމުގެ ނިއުކްލިއާ ގާބިލުކަން އިތުރުކޮށް، ސަރަހައްދީ ފެންވަރުގައި ގައުމުގެ ނުފޫޒު ވަރުގަދަކުރުމަށް އޭނާ ކުރެއްވި މަސައްކަތްޕުޅުތަކަށް މަންދޫބުން ތައުރީފުކުރުމަށްފަހުއެވެ.
ޕާޓީގެ ކޮންގްރެސްއިން ނެރުނު ރިޕޯޓުތައް ބުނާގޮތުން، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސިޔާސީ އަދި އަސްކަރީ ލަނޑުދަނޑިތައް ކަނޑައެޅުމުގައި ކިމް އިސްކަންދެއްވާނީ ނިއުކްލިއާ ހަތިޔާރު އުފެއްދުން އަވަސްކުރުމަށެވެ. މީގެ ތެރޭގައި އެމެރިކާގެ މައި ބިމަށާއި އޭޝިއާގައިވާ އެމެރިކާގެ ބައިވެރިންނަށް ނުރައްކާކުރެވޭ ފަދަ މިސައިލް އުފެއްދުން ހިމެނެއެވެ.
މީގެއިތުރުން، ޕާޓީގެ މަރުކަޒީ ކޮމިޓީއަށް އާ މެންބަރުން އައްޔަންކޮށް، ލީޑަރޝިޕަށް ޒުވާން މޫނުތަކެއް ވަނީ ތައާރަފުކޮށްފައެވެ. މި ބަދަލާއެކު، ކުރިން ތިއްބެވި އުމުރުން ދުވަސްވީ އަސްކަރީ އިސްވެރިންގެ ބަދަލުގައި އާ ޖީލެއްގެ ބޭފުޅުން ވަނީ އިސް ސަފަށް ނެރެފައެވެ.
މި ކޮންގްރެސް ބާއްވާފައިވަނީ ރަޝިޔާއާއެކު އޮންނަ ގުޅުން ބަދަހިކޮށް، ޔޫކްރެއިން ހަނގުރާމައިގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ދަނޑިވަޅެއްގައެވެ. އަދި ޗައިނާއާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަށްވެސް ކިމް ދަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އެގޮތުން، ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ކިމް އަލުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ދަންނަވައި، ދެގައުމުގެ އެކުވެރިކަމުގެ އާ ބާބެއް ލިޔުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.
އުތުރު ކޮރެއާގެ އެންމެ މަތީ ބާރަކީ ވެރިކަންކުރާ ޕާޓީ ކަމަށްވާއިރު، ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަކީ މުޅި ގައުމުގެ އެންމެ ބާރުގަދަ މަގާމެވެ.
ދިރާސާކުރާ ފަރާތްތަކުން ލަފާކުރާގޮތުގައި، މި ބައްދަލުވުމަށްފަހު އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ އާ މަޝްރޫއުތަކަކާއި، އިގްތިސާދީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހާއްސަ ހަރަކާތްތަކެއް އެގައުމުން ފަށާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!